އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސަށް ހޮވިވަޑައިގަތް ރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދުގެ ޓީމަށް ދެބޭފުޅަކު ހަމަޖައްސަވައިފިއެވެ.

މިނިސްޓަރު ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ހާއްސަ މަމްދޫބަކަށް ދިވެހި ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ތިލްމިޒާ ހުސެން ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ޝާހިދުގެ ޗީފް ޑި ކެބިނެޓްގެ މަގާމަށް އިންޑިއާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު ނަގަރާޖް ނައިޑޫ ކުމާރު ހަމަޖައްސަވައިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ..

އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގައި ތަގްރީރުކުރައްވަމުން މިނިސްޓާ ޝާހިދު ވަނީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. އަދި މީގެ ތެރޭގައި ތަރައްގީވަމުން އަންނަ ގައުމުތަކާ ތަރައްގީވެފައިވާ ގައުމުތައްވެސް ހިމެނޭކަމަށް ޝާހިދު ވަނީ ވިދާލުވެފައެވެ.

މިހާރު ހިނގަމުން އަންނަ 75 ވަނަ ދައުރުގެ ރައީސް ވޮލްކަން ބޮޒްކިރު އާ ޝާހިދު ވަނީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އދ. ގެ 76 ވަނަ ދައުރަށް ރައީސަކުން ހޮވުމަށް ބޭއްވި އިންތިހާބުގައި ދެއްވި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިޔަށްހުރި މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ވޮލްކަން ބޮޒްކިރު ވަނީ އެބޭފުޅާ އދ. ގެ މަޖިލީހުގެ ރައީސްކަން ކުރެއްވި އިރުގެ ތަޖުރިބާތަށް ޝާހިދުއާ ހިއްސާކުރައްވާފައެވެ.

ޖޫން 7 ގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. އެމަނިކުފާނުގެ ކާމިޔާބީގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ރައީސުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.