ޔޫކްރައިންއަށް އަރާ ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ރަޝިއާ، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ސަސްޕެންޑް ކުރުމަށް، އދގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.
އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި ރޭގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ވަކިކޮށްފައި ވަނީ ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި ހިންގަމުންދާ ލައިންސާނީ ޖަރީމާތަކާއި އިންސާނީ ހައްގުތަކުގެ ކަރާމާތަށް އަރައިގަތުމުގެ އަމަލުތަކާ ގުޅިގެންނެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، 93 ގައުމަކުން ވަނީ ގަރާރާ އެއްކޮޅަށް ވޯޓު ދީފައެވެ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރަން ނުފެންނަ ކަމަށް 24 ގައުމަކުން ބުނިއިރު، 58 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ދިވެހި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު ދިވެހިރާއްޖެއާއި އެންމެ އެކުވެރި އެއް ގައުމުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާއިންވެސް ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ވޯޓަށް ފަހު ވާހަކަދައްކަވަމުން، އިންޑިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޓީއެސް ތީރުމުރުތީ ވިދާޅުވީ، އިންޑިއާއިން ވަކި ކޮޅެއް ހިޔާރު ކުރި ނަމަ އެ ކޮޅަކީ ސުލްހައިގެ ކޮޅު ކަމަށާ، އަދި އެ ކޮޅަކީ ހިނދުން ހިނދަށް ހަމަޖެހުންތައް ހުއްޓާލުމުގެ ކޮޅު ކަމަށެވެ. އިންޑިއާއިން ވަކި ކޮޅަކަށް މި ފަހަރު ވޯޓު ދީފައި ނުވަނީ އެކަމުގެ ބާވަތާއި އިޖުރާއަތަށް ބެލުމަށް ފަހުގައި ކަމަށްވެސް މަންދޫބު ވަނީ ވިދާޅުވެފައެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް އދގެ އާންމު މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓުގައި ރާއްޖެއިން ވަކި ކޮޅަކަށް ވޯޓު ދީފައި ނުވާ ސަބަބު އޮޅުން ފިލުވުމަށް ދަ ޕްރެސްއިން ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ސުވާލު ކުރުމުން، އެ ވުޒާރާގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ވިދާޅުވީ، އެ ނިންމުމަކީ މިވަގުތު ދިވެހި ސަރުކާރުން މި ކަމުގައި ނަގާ ސްޓޭންޑް ކަމަށެވެ.
47 މެންބަރުންގެ މައްޗަށް އެކުލެވޭ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް، 193 މެންބަރުންގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ ތާއީދު ބެނުންވެއެވެ. މި ވޯޓުގެ ޖުމުލަ ހެދުމުގައި، ވަކިކޮޅަކަށް ވޯޓު ނުދޭ ގައުމުތަކެއް ނުގުނާނެއެވެ.