76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، އދގެ އާންމު މަޖިލީހުގެ ރައީސް ހައިސިއްޔަތުން ރާއްޖެ ވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، ޝާހިދު ރާއްޖެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއީ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ރައީސް ސޯލިހާއެކު މިއަދު ހެނދުނުގެ ވަގުތެއްގައި، ޝާހިދު، މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ދިވެހި ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ދެބޭފުޅުންގެ ބައްދަލުކުރެއްވުމަށްފަހު، ގުޅިފައި ވާ ބަޔާނެއް ދެއްވާނެ ކަމަށް ވަނީ ހަބަރު ލިބިފައެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން / ފޮޓޯ: ދިވެހި ފޮރިން މިނިސްޓްރީ

އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދިވެހި ފޮރިން މިނިސްޓަރު ޝާހިދު، މިވަގުތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ދިވެހި ދިފާއީ ވަޒީރާއި، ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރާވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންނާއެކު މަޝްވަރާގެ ވަގުތުކޮޅެއްވެސް ހޭދަ ކުރައްވާނެ ކަމަށް ހަބަރު ލިބެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އދގެ ޓީމާވެސް މިއަދުގެ ވަގުތެއްގައި ޝާހިދު ބައްދަލު ކުރައްވާނެއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ދަތުރު ކުރެއްވުމަށް ވަޒީރު ޝާހިދަށް، ރައީސް ސޯލިހު ދައުވަތު ދެއްވީ، ހުސްވި މަހު އެމެރިކާގައި އޮތް އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސްގައި ތަގުރީރު ކުރެއްވުމަށް އެ ގައުމަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި، ޝާހިދުއާއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައެވެ.