2060 ވަނަ އަހަރު އަންނައިރު، އެ ގައުމުން ބޭރު ކުރާ ޖައްވު ހޫނު ކުރާ ވިހަ ގޭހުގެ މިންވަރު، ސުން ރޭޓަށް ތިރި ކުރުމަށް، ދުނިޔޭގެ ނިސްބަތުން އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދަމުން އަންނަ އެއް ގައުމު ކަމަށް ވާ ސައުދީ އަރަބިއްޔާއިން އަމާޒު ހިފާ، އެކަން އިއުލާން ކޮށްފިއެވެ.

މިއީ އިންސާނީ އަމަލުތަކުގެ ސަބަބުން ކުރިމަތިލާން ޖެހޭ މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ގައުމުން ހިފާފައި ވާ އަމާޒުގެ ޗޭނަށް އެންމެ ފަހުން އިތުރު ވީ ބޮޅެވެ.

2060 ވަނަ އަހަރު އަންނައިރު، އެ ގައުމުން ބޭރު ކުރާ ޖައްވު ހޫނު ކުރާ ވިހަ ގޭހުގެ މިންވަރު، ސުން ރޭޓަށް ތިރި ކުރުމަށް ނިންމާ، އެކަން އިއުލާން ކޮށްދެއްވީ، ސައުދީގެ ނުފޫޒުގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)އެވެ. އެމްބީސީއެސް މިކަން އިއުލާން ކޮށްދެއްވީ، ސައުދީގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ގްރީން އިނިޝިއޭޓިވް ފޯރަމްގައެވެ. މި ދަނޑިވަޅަކީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެންމެ ވަރުގަދަ ސިލްސިލާ ކަމުގައިވާ ކޮންފަރެންސް އޮފް ޕާޓީ (ކޮޕް)ގެ 26 ވަނަ ބައްދަލުވުމަށް، ވަގުތު ކުޑަތަން ވަމުން އަންނަ ދަނޑިވަޅެއް ވެސް މެއެވެ.

ސައުދީގެ ސަރަހައްދީ އިމުގެ ތެރެއިން ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު، ސުން ރޭޓަށް ދަށް ކުރަން އަމާޒު ހިފި ކަމުގައި ވީ ނަމަވެސް، އެ ގައުމުން ތެލާއި ގޭހުގެ ސިނާއަތުގައި ކުރާ އިންވެސްޓްމަންޓްތައް މަޑު ޖައްސާލާނެ ކަމުގެ އިޝާރާތެއް އަދި ދީފައެއް ނުވެއެވެ. އަދި ގެއްލުން ދެނިވި ހަކަތައިގެ މާއްދަތަކުން ދުރަށް ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް ދީފައެއް ނުވެއެވެ.

ހަކަތައިގެ އެކްސްޕޯޓަކީ، ސައުދީގެ އިގުތިސޯދުގެ މައިބަދައެވެ. ނަމަވެސް ސައުދީއިން ދަނީ އިތުރު ރާސްތާތައް ކަޑަތުކޮށްގެން އެ ގައުމުގެ އިގުތިސޯދު ކުރިއަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ތެލަށް ވެފައި އޮންނަ ބަރޯސާ ކުޑަކުރުމަށް ސައުދީއިން ދަނީ އިގުތިސޯދީ އެހެން ދާއިރާތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ނަމަވެސް މި އަހަރު ނިމޭއިރު، ތެލުގެ ސިނާއަތުން އެކަނިވެސް އެ ގައުމަށް 150 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް ލަފާ ކުރެވެއެވެ.

އެމްބީއެސް ވަނީ 2030 ވަނަ އަހަރު އަންނައިރު ސައުދީގައި 450 މިލިއަން ގަސް އިންދާ، މިހާރު ދިރުން ގޮސްފައި ވާ ގިނަ ބިންތަކަކަށް އާރޯކަން ގެނައުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަން ހާމަ ކުރައްވާފައެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ ސައުދީގެ މި އަމާޒުތަކަށް މަރުހަބާ ވިދާޅުވެފައެވެ.

2060 ވަނަ އަހަރު އަންނައިރު، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު ސުން ރޭޓަށް ދަށް ކުރަން އަމާޒު ހިފާފައި ވާ ގައުމުތަކުގެ ތެރޭގައި ސައުދީގެ އިތުރުން ޗައިނާ އަދި ރަޝިއާ ހިމެނޭއިރު، އެމެރިކާއާއި ވިލާތުގެ އިއްތިހާދުން އަމާޒު ހިފާފައި ވަނީ، ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު، 2050 ވަނަ އަހަރު އަންނަ އިރު ސުން ރޭޓަށް ދަށް ކުރުމަށެވެ.