ރަޝިއާއިން ޔޫކްރައިންގައި ހިންގަމުންދާ ކުރިމަތިލުންތަކުގެ ތަހުގީގެއް އެ ކޯޓުގައި ހިންގުމަށް ރާވާފައި ވާ ކަމަށް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ގެ ޕްރޮސެކިއުޓަރަކު ހާމަ ކުރައްވައިފިއެވެ.

އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް އޭ އޭ ހާން ވިދާޅުވީ، މިހާރު ހިންގަމުންދާ ކުރިމަތިލުންތަކުގައި، ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަން ގަބޫލު ކުރެވޭ މިންވަރަށް، އެކަށީގެންވާ އަސާސެއް އެބައޮތް ކަމަށެވެ. އަދި މި ކުރިމަތިލުންތަކުގައި ބައިވެރިވާ ކޮންމެ ފަރާތަކުންވެސް ހިންގާފައި ވާ ކަމަށް ތުހުމަތު ކުރާ ހަނގުރާމަގެ ޖަރީމާތަކުގެ ތަހުގީގު އައިސީސިއިން ކުރާނެ ކަމަށްވެސް ޕްރޮސެކިއުޓަރު ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގައި ހަނގުރާމައިގެ ޖަރީމާ ހިންގާފައިވޭތޯ ބެލުމަށް ހިންގާ ތަހުގީގުތަކުގެ ދުވެލި، ވީ އެންމެ އަވަހެއް ކުރައްވާނެ ކަމަށްވެސް އައިސީސީގެ ޕްރޮސެކިއުޓަރު ވަނީ ވިދާޅުވެފައެވެ.

ހާން އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ޖަރީމާގެ އިތުރުން އިންސާނީ ކަރާމާތާ ހިލާފު އަމަލުތައްވެސް ޔޫކްރައިންގައި ހިންގާފައި ވާ ކަމަށް ބާރުދެނިވި އަސާސް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

2002 ވަނަ އަހަރު އުފެއްދި އައިސީސީއަކީ ގަތުލުއާންމުގެ އިތުރުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނީ ކަރާމާތާ ދެކޮޅަށް ހިންގާ ކުށްތައް ތަހުގީގުކޮށް، އެ މައްސަލަތައް ޕްރޮސެކިއުޓް ކުރާ ކޯޓެކެވެ.

އައިސީސީ އުފެދުމުގެ އަސްލެއް ކަމުގައިވި ރޯމަސް ސްޓެޓިއުޓްގެ މެންބަރެއް ކަމުގައި ޔޫކްރޭން ނުވި ނަމަވެސް، 2015 ވަނަ އަހަރު، ޔޫކްރޭނުން ވަނީ، އައިސީސީގެ މެންޑޭޓް ބަލައިގެންފައި ކަމަށާ، އެހެން ކަމުން، ޔޫކްރައިންގެ މައްޗަށް، އައިސީސީގެ އިހުތިސޯސް ހިނގާނެ ކަމަށްވެސް ހާންވަނީ ހުސްވި ހަފުތާ ތެރޭގައި ވިދާޅުވެފައެވެ.

ރަޝިއާއިން އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އަރާފައި ވަނީ، ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމައެއްގެ އިންޒާރު ދެނިވި ފަދަ މޭރުމަކުން އަމަލުތައް ބެހެއްޓުމަށް ފަހުގައެވެ. ޔޫކްރައިންގައި ހިންގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އދގެ އާންމު މަޖިލީހުން ހޯމަ ދުވަހުގެ ރޭ ވަނީ ކުއްލި ބައްދަލުވުމެއް ފަށާފައެވެ. އދގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށާފައި ވާ އިރު، ރަޝިއާއިން ޔޫކްރޭނަށް އެރި އެރުން ކުށްވެރި ކޮށް، އދގެ ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ފާސް ކުރަން އުޅުނު ގަރާރު، ރަޝިއާއިން ވަނީ ވީޓޯ ކޮށްފައެވެ.

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި، ރަޝިއާގެ އަމަލު ކުށްވެރިކޮށް، މެންބަރު ގައުމުތަކުން ގަރާރެއް ބަލައިގަންނާނެއެވެ. ރަޝިއާގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ އަނެއް 4 މެންބަރުންނަށްވެސް، އާންމު މަޖިލީހުގައި ގަރާރު ވީޓޯ ކުރުމުގެ ބާރު ލިބިގެންނެއް ނުވެއެވެ.