އެންމެންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ދައުރުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެލްޑީސީ، ސިޑްސް ޓްރަސްޓް ފަންޑް ވޯކްޝޮޕް ފޮ އޭޝިއާ ރީޖަންގައި އދ.ގެ 76 އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ހުރިހާ ފަރުދުންގެ ހައްގުތައް ބަލައި ގަތުމަކީ މިނިވަން ކަމާއި، އަދުލު އިންސާފާއި، ސުލްހަ މަސަލަސްކަން ގާއިމު ކުރުމުގެ ބިންގާ ކަމުގައެވެ.

ޝާހިދު ވިދާޅުވީ، ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިމަތީގައި ހުރިހާ އަޑުތަކެއް އިއްވައި، ހުރިހާ މެންބަރު ގައުމުތަކަށް ތަމްސީލު ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަކީ ޒިންމާއެއް ކަމުގައި ދެކޭ ކަމަށެވެ. އެކަމުގެ ހެއްކަކީ އިންސާނީ ހައްގުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އެޗްއާރުސީން ފާސްކޮށްފައިވާ މުހިންމު ދެ ގަރާރެއް މި އަހަރުގެ ތެރޭގައި ފާސްވެގެން ދިޔަ ކަން ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި އެ ގަރާރުތަކަކީ ކައުންސިލްގައި ހިމެނޭ އެލް.ޑީ.ސީ.އާއި، ސިޑްސްގެ ގައުމުތަކުގެ އަޑުތަކުން މަންފާ ލިބުނު ގަރާރުތަކެއް ކަމާ މެދު ޝައްކެއް ނުކުރާ ކަމުގައި ވެސް ޝާހިދު ވިދާޅުވިއެވެ.