ހެދިކާ ވިއްކާ ސްޓޯލްތައް ނުވަތަ ޓެންޓުތައް ބަހައްޓާނެ ހިޔާ ކުރެވިފައިވާ ރޫފް ޝެލްޓާ ހުޅުމާލޭގެ 3 ސަރަހައްދެއްގައި ގާއިމުކުރުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ނިންމައިފިއެވެ.

މި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ އެޗްޑީސީގެ ހަރަދުގައި އެ ކޯޕަރޭޝަންގެ މުވައްޒަފުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑިސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައި ހުންނަ ހެދިކ ޓެންޓު ތަކަކީ އާންމުންގެ މެދުގައި މަގުބޫލު އަދި މި ޓެންޓުތަކުގެ ސަބަބުން އެތައް އާއިލާ ތަކަކަށް އާމްދަނީ ހޯދުމުގެ މަގު ފަހިވެފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

ހުޅުމާލޭގައި ގާއިމުކުރާ ރޫފް ޝެލްޓާތައް ފަރުމާ ކުރެވިފައިވާ ގޮތް

ޓެންޓުތައް މަރާމާތުކޮށް ބެލެހެއްޓުމާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ސެޝަންތަކެއް ބޭއްވިފައިވާ ކަމަށާއި މި ސެޝަންތަކުގެ ބައިވެރިންގެ ހިޔާލު އެއްކޮށް ޕްރޮޖެކްޓްގެ ޕްލޭން އެކުލަވާލައި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި ގާއިމުކުރާ ރޫފް ޝެލްޓާތައް ފަރުމާ ކުރެވިފައިވާ ގޮތް

މި ރޫފް ޝެލްޓާތައް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ 3 ނެިބާހުޑް ކަމަށްވާ ނެއިބާ ހުޑް 1އާއި، ނެއިބާހުޑް 2 އަދި ނެއިބާ ހުޑް 3 ގައެވެ. އަދި މި ގާއިމުކުރާ ޝެލްޓާގައި ޖުމުލަ 30 ފާރަތަކަށް ހިދުމަތް ދެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. މި ޝެލްޓާ ތަކުގައި ހެދިކާ ވިއްކުމުގެ އިތުރުން އޯޕަން އޭރިއާ އަކާއި ކުޑަކުދިންނަށް ކުޅޭނެ ވަސީލަތްތަކާ، ޑަސްބިން އަދި ބެންޗު ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.