ކަަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިން ހިދުމަތްތައް ދޭނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮށްފައިވާ އިއުލާނާ އެއްގޮތްވާގޮތުގެ މަތިން ހިދުމަތް ދިނުމަށްޓަކައި މާދަމާއިން ފެށިގެން ޖޫން 10، 2021 އާ ހަމަޔަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް (ކަސްޓަމާ ސާވިސް ސެންޓާ ހިމެނޭހެން) އެ މުއްދަތުގައި ބަންދުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނީ އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށާއި ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ހޯދުމަށް އަދި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް ވަނީ އެދިފައެވެ.

ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،00 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހުކުރު، ހޮނިހިރު ނުހިމަނާ އަސާސީ ބޭންކިން ހިދުމަތްތައް ދޭނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން އެމްއެމްއޭ ހުޅުވާފަ ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.