ހިތްގައިމު އެތައް މަންޒަރުތަކެއް ފެންނަ ހއ. ކޭލާގެ ބޮޑު މަގުގައި ޣުފްރާން މިސްކިތުގެ ގޯތިތެރޭގައި ހުންނަ ރީނދޫ މާ އަޅާ ބިޔަ ގަހަކީ އެތައް ބަޔަކަށް ހިތްހަމަޖެހުން ގެނެސްދޭ ގަހެކެވެ. އެ ގަހަކީ ރާއްޖެއިން އާންމުކޮށް ނުފެންނަ ގަހެއް ކަމުގައި ވިޔަސް އެއީ އަވައްޓެރި ގިނަ ގައުމުތަކުން ފެންނަ ގަހެކެވެ.

ބައެއް މީހުން މިއީ "ލެބާނަމް" ގަހެއް ކަަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ އެއީ "ކޭސިއާ ފިސްޓޫލާ" ކަމަށެވެ. އަސްލު ކެލާގައި ހުންނަތާ 34 އަހަރުވެފައިވާ މި ގަހަށް ކިޔާ ނަމަކީ "ކޭސިއާ ފިސްޓޫލާ" އެވެ. އެއީ ލެބަނަމް ގަހުގެ ވައްތަރެކެވެ. މި ވައްތަރައް ކިޔާ އުޅޭ އަނެއް ނަމަކީ "އިންޑިއަން ލެބަނަމް" ނުވަތަ "ގޯލްޑަން ޝަވާ" އެވެ.

ކެލާ ބޮޑު މަގުގައި ހުން ގުފްރާން މިސްކިތުގެ ގޯތިތެރޭގައި ހުންން ކޭސިއާ ފިސްޓޫލާ ގަސް / ފޮޓޯ: ތޫބާ ރަޝީދު

އެ ދުވަސް ވަރު އެ ރަށުގައި ކަތީބުކަން ކުރެއްވި ނިޒާރު މުހައްމަދު ވިދާޅުވީ، އެ ގަސް އިންދީ އޭނާ ކާތީބުކަމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ. އެރަށުގައި ހުންނާނީ އޭގެ އެންމެ ގަހެއް ކަމަށާއި އެއީ ވަރަށް ރީތި މަލެއް އަޅާ ގަހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގަހުގައި މާ އަޅާނީ އެކި ދުވަސްވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ގަހުގައި މާ އަޅާ ދުވަސްވަރު ހުރިހާ ފަތެއްހެން ފައިބެ ހުސްވާނެ ކަމަށާއި މުޅިގަސް އޮންނާނީ ރީނދޫ މަލުން ފުރާލާފައި ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި މާތައް ފައިބެ ހުސްވާ އިރު އަނެއްކާވެސް ގަހުގެ އޮފިތަކުން ފަތްތައް ނުކުމެ މުޅިގަސް ފެހިވާ ކަމަށް އޭނާ ބުނެއެވެ.

ކެލާ ބޮޑު މަގުގައި ހުރި ކޭސިއާ ފިސްޓޫލާ ގަސް މަލުން ފުރިފައި / ފޮޓޯ: ތޫބާ ރަޝީދު

އެރަށު މީހުން ބުނާ ގޮތުގައި އެއީ އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ވަރަށް ކަމުދާ ގަހެކެވެ. ބޮޑު މަގުގައި ހުންނަ މި ގަހުގެ ރީތި ކަމުން އެ ރަށުގެ އެންމެންނަށް ވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމަށް އެ ރަށު މީހުން ބުނެއެވެ.

ކޭސިއާ ފިސްޗުލާ ގަހުގައި އަޅާފައިވާ ރީނދޫ މާތައް / ފޮޓޯ: ތޫބާ ރަޝީދު

ކޭސިއާ ފިސްޓޫލާ ގަހަކީ ތައިލެންޑްގެ ގައުމީ ގަހެވެ. އަދި އެގަހުގައި އަޅާ ފަސް ފިޔައިގެ ރީނދޫ މަލަކީ ތައިލެންޑްގެ ގައުމީ މާ ވެސް މެއެވެ. ހަމައެއާއެކު މި ގަހަކީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ރަމްޒީ މަލެކެވެ. މީގެ އިތުރުން ސްރީލަންކާގެ ނޯތް ސެންޓްރަލް ޕްރޮވިންސް ރަމްޒުކޮށްދޭ މާ ވެސް މެއެވެ.

ސައުތް އޭސީއާގެ ގިނަ ގައުމުތަކެއްގައި މިގަސް ހައްދާފައި ހުންނަތަން ފެނެއެވެ. އެ ގޮތުން އިންޑިއާ އާއި، ސްރީލަންކާއާއި ޕާކިސްތާނުގެ އިތުރުން ތައިލޭންޑް އަދި މިޔަންމާ ހިމެނެއެވެ. އަދި މި ގަހަކީ ހަކީމީ ބޭހަށް ބޭނުން ކުރާ ގަހެކެވެ. ހަމައެއާއެކު އެ ގަހުން ނަގާ ލަކުޑިއަކީ ވެސް ތަންތަން ހެދުމަށް މި ގައުމުތަކުގައި ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ސްރީލަންކާގައި ""އެހެލަ ކަނުވާ" އިމާރާތް ކޮށްފައި ވަނީ މި ގަހުގެ ލަކުޑިންނެވެ. އެއީ ލަންކާގެ އެޑަމްސް ޕީކްގައި އޮންނަ ތަނެކެވެ.