ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށްދާ ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އިއްޔެ އެކަނި ވެސް 12 ޓަނުގެ ކުނި އުކާލާފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހުޅުމާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ދާ ފަރާތްތަކަށް ހިތްގައިމު ސާފު އަވަށެއްގެ ގޮތުގައި ބޭއްވުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ސިލްސިލާ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް އާއްމުކޮށް ބޭނުން ކޮށްފާ އުކާލާފައި ހުންނަ ކުނި ގިނަވެފައި ވާތީ އެސަރަހައްދުތައް ސާފުކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 10 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި އެ މަސައްކަތްތައް 2 ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތް ކުރަމުން ދަނީ އެ ކޯޕަރޭޝާންގެ މުނިސިޕަލް ޑިޕާޓްމަންޓުގެ މުވައްޒަފުން މެދުވެރިކޮށް ކަމަށެވެ.

ހުޅުމާލެ އަކީ ޒަމާނީ ސިޓީއެއްގެ ކުލަވަރު ޖައްސާ، ޒަމާނީ އެކި ވަސީލަތްތަކާ އެކު ތަރައްގީ ކުރަމުންދާ އަވަށެއް ކަމުން، ހުޅުމާލޭގެ މާހައުލަކީ ސާފު ރީތި ތަނަކަށް ހެދުމަށް އާއްމުންގެ އެއްބާރުލުން މުހިއްމު ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

އެޗްޑީސީން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލާއި ކުނި މަދުކޮށް، އާއްމުން ބޭނުންކުރާ ޕާކުތައް ފަދަ ތަންތާގައި ބަހައްޓާފައި ހުންނަ ޑަސްޓްބިން ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން ގޭބިސީތަކުން ކުނި އުކާލުމުގައި ވެމްކޯއިން ދެމުން ގެންދާ ހިދުމަތުގެ ބޭނުން ހިފާ، ދިރިއުޅޭ ސަރަހައްދު ތަކަށް ކުނި އުކުން މަދުކުރުމަށް އެޗްޑީސީން ވަނީ ނަސޭހަތްތެރި ވެފައެވެ. އަދި މި ފަދަ އިތުރު ޕްރޮގްރާމްތައް ކުރިއެކޭ އެއްފަދައިން އެކި ދުވަސްތަކަށް ބަހާލާއިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ވާކަމަށް އެޗްޑީސީން ބުނެއެވެ.