ހުޅުމާލެ ސެންޓްރަލް ޕާކްގައި ތަރައްގީ ކުރާ މިސްކިތް ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ފޭސް 1 ގައި ތަރައްގީ ކޮށްފައިވާ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާގޮތަށް ފަރުމާކޮށް ތަރައްގީ ކުރަމުން އަންނަ ޕާކެއް ކަމަށެވެ.
އެގޮތުން ހަތަރު ސަރަހައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއޫގެ މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެމިސްކިތާއި އިންވެގެން ހެދޭ އިސްލާމިކް ސެންޓާ ފަރުމާކުރުމުގެ ފުރުސަތު އެ ދައިރާގެ ފަންނީ ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި އެ ކޯޕަރޭޝަންނާއި ގުޅިގެން ހިންގާ އެ ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިއްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގޭ މުބާރާތެއް ކަމަށެވެ.
އެ މަޝްރޫއު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިން ރޫމް ފަދަ ތަންތަން ހިމެނޭ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ އެ މުބާރާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީވެފައިވާ ދިވެހި އާކިޓެކްޓުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެ މުބާރާތުން 1 ވަނައަށް ހޮވޭ ފަރާތަކަށް ނުވަތަ ޑިޒައިންނަކަށް އިނާމެއްގެ ގޮތުގައި 300،000 ދިވެހި ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މޭ 27، 2021 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް އިއުލާން ކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކަކީ ވިހާވެސް ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ހިޔާލާއި އެކު ތަރައްގީ ކުރެވިގެންދާނެ މަޝްރޫއުތަކަކަށް ހެދުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ސެންޓްރަލް ޕާކަކީ ހުޅުމާލޭގެ ފެހިކަން އިތުރުކޮށް ހުޅުމާލޭގައި ދިރިއުޅޭ ކުދި ބޮޑު ހުރިހާ ފަރާތްތަކަށް ވެސް ބޭނުން ހިފޭނެ ގޮތްތަކަށް ފަރުމާ ކޮށް ތަރައްގީ ކުރަމުން އަންނަ ޕާކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.