ހައުސިން ޑެވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ރިސެޕްޝަން 05 މޭ 2021 އިން ފެށިގެން ހުޅުވިފައިހުންނާނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއް ބުނެފައިވަނީ ކޮވިޑް ރޯގާ ފެތުރޭ މިންވަރު މިދުވަސްކޮޅު އިތުރުވަމުންދާތީ، އެޗްޕީއޭ އިން ނެރިފައިވާ ގައިޑްލައިންއާ ގުޅިގެން، ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން 05 މޭ 2021 އިން ފެށިގެން ރިސެޕްޝަން ހުޅުވިފައިހުންނާނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އެގޮތުން މި ހަފްތާއަކީ ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ ހަފްތާއެކެވެ. ފާއިތުވި 24 ގަޑީރުތެރޭވެސް މާލެއިން 440 މީހުންނާއެކު މުޅި ޖުމުލަ 601 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިއާއެކު އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

އެ ގޮތުން ހުރިހާ މާލޭ ގްރޭޑް ތަކަކަށް ސްކޫލްތައް ބަންދު ކުރުމާއި ދަރިވަރުން ގޭގައި ތިބެ އޮންލައިން ކޮށް ކިޔަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ސަރުކާރު އޮފީސްތައް ބަންދު ކުރުމާއެކު މިސްކިތްތަކުގައި ގައިދުރު ކަމާއެކު ނަމާދު ކުރުމަށް ވެސް ވަނީ އަންގާފައެވެ. މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ވަނީ ހަމަޖައްސާފައެވެ.

މި ފިޔަަވަޅުތައް އަޅާފައިވާ އިރު އެ ގޮތަށް އަމަލު ކުރަން ފަށަނީ މި މަހުގެ 5 ވަނަ ދުވަހުން މި މަހުގެ 15 އާ ހަމައަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.