ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނުކޮށް ސުކޫކު ވިއްކައިގެން 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޯދައިފިއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ހާމަކުރިގޮތުގައި ދިވެހި ސަރުކާރުން މިފަހަރު ހޯދީ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެވެ. އެއީ ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ. އަދި އަނބުރާ ދައްކަން ޖެހެނީ 10.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި ކަމަށް އެއެޖެންސީން ބުނެއެވެ.
ބޭރުގެ ނިއުސް އެޖޭންސީއަކުން އެގޮތަށް ރިޕޮޓު ކުރި އިރު އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރަން ފިނޭންސްގައި އަހައިގެން އެވެސް ޖަވާބެއް ރާއްޖޭގެ ނޫސްތަކަށް މިހާތަނަށް ދީފައެއް ނުވެއެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ވިއްކި ސުކޫކުން 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ހޯދާފައެވެ. މިއާއެކު ދަރުމަވަންތަ އިމާރާތް ރަހުނުކޮށް ސުކޫކު ވިއްކައިގެން ޖުމްލަ 4.6 ބިލިއަން ރުފިޔާ ސަރުކާރުން މިވަނީ ހޯދާފައެވެ.
ފިނޭންސް މިނިސްޓްރީއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފާގެ މަތިން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިންގެ އިންސްޓްރޫމަންޓެއް ކަމަށެވެ.
ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކުރި މިދިޔަ އަހަރުގެ ބަޖެޓުގައި އެ ސުކޫކު ހިމެނުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންތައް ސާފުކޮށްދީފައި ވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި އޮތެވެ. އަދި އެ ސުކޫކު ވިއްކުމަށް މަސައްކަތް ކުރަނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއެކު ކަމަށާއި އޭގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކަކަށް ވުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.
މިނިސްޓްރީއިން ބުނީ ސުކޫކު ވިއްކުމަށްޓަކައި އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ހޮސްޕިޓަލު އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށާއި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނު ނުކުރާނެ ކަމަށްވެސް ފިނޭންސުން ބުނެއެވެ.
މީގެ އޮތުރުން އެ މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރުގައިވެސް ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން އެފަދަ ސުކޫކު ވިއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށާ، ނަމަވެސް އެއިރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކާ ގުޅިގެން ސުކޫކު އިޝޫކުރެވިފައި ނުވާ ކަމަށެވެ.
އަޅެފަހެ އަހަރުމެން ގައުމު ހަވާލު ކުރީ ތަންތަން ވިއްޖަންތަ. ކުރީބުރުގަ އެެއަޕޯޓް މިފަހަރު ހޮސްޕިޓަލް ދެން ބުރުގަ މި ވެރިން ހޮވައިފިނަމަ އަހަތުމެންގެ އަމަޔާ ބަފާ ވެސް ދައުލަތުން ވިއްކާލަފާނެ