ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު' ގައި ވަގަށް ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ފޮށިތަކެއްގެ މައްސަލައިގައި ކަސްޓަމްސް އިން ފުރަތަމަ ހިއްސާ ކޮށްފައިވަނީ ނުބައި ޓައިމްލައިނެއް ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބުނެފިއެވެ.
އެގޮތުން އެކަން، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ސަމާލު ކަމަށް ކޮމިޓީން ގެނައުމުން ފަހުން ތެދު މައުލޫމާތު ހިއްސާކުރިކަމަށާއި، ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ ގާބިލްކަން ކަސްޓަމްސްގައި ނެތްކަން ދޭހަވާ ގޮތަށް ކަސްޓަމްސް އޮފިސަރުން ވާހަކަ ދެއްކިކަމަށްވެސް އެ ކޮމިޓީ އިން ވަނީ ބުނެފައެވެ. އަދި އެރޭ ހޯކްސް ބޯޓު ކަރިއަށްދާން ފުރަތަމަ ލޯންޗެއް ވެސް ނުލިބުނު ކަމަށް ކަސްޓަމްސް އިން ބުނި ކަމަށްވެސް ކޮމިޓީ އިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން އެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މެމްބަރަކު ވަނީ މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވިތާ 2 މަސް ފާއިތުވެގެން ދިޔައިރުވެސް މައްސަލަ ކުރިއަށް ނުދާކަމަށާއި، މައްސަލަ ކުރިއަށް ނުދަނީ ފައިސާއާ ކޮރަޕްޝަން މީގެ ތެރެއަށް ވަދެފައި އޮތް ވަރުން ކަމުގައި ތުހުމަތު ކުރައްވާފައެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ހޯކްސްގެ މައްސަލަ ކޮމިޓީން ބަލަން ފެށިއިރު، މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހޯކްސް ކުންފުނީގެ ހިއްސާދާރުންގެ ގެއަށް ވަޑައިގެންނެވި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވަނީ ހޯކްސް އިން ތެޔޮ އެތެރެކުރާއިރު، ވަގަށް މުދާ އެތެރެކުރާ ކަމުގެ އަޑުތައް އިވޭތާ ދެ އަހަރު ވެފައިވާ ކަމަށާއި، ހޯކްސްގެ ބޯޓު ރާއްޖެ ސަރަހައްދަށް ވަދެ ސިސްޓަމް ނިއްވާލުމަށްފަހު އޭގެ 24 ގަޑިއިރު ފަހުން ސިނގިރޭޓު ކާޓަންތައް ސްމަގްލް ކުރަނިކޮށް ފެނުނުކަމަށެވެ.
ނަމަވެސް ހޯކްސްއާ ސުވާލުކުރުމުން ވަނީ، އެއީ އެ ކުންފުނިން ކުރި ކަމެއް ނޫން ކަމަށް ބުނެފައިކަމަށްވެސް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ އެއާ ޖެހިގެން އައި ދުވަހު ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު' އާއި، ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑު ބަލައި ފާސްކޮށްފައެވެ. ގާތްގަނޑަކަށް 1.7 މިލިއަން ސިނގިރޭޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ހިދުމަތުން އޭރު ބުންޏެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ، ރާއްޖެއަށް 200 މާސްޓަ ކާޓަން މެންޗެސްޓަ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލަ އެ ހިދުމަތާއި ކަސްޓަމްސްއިން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.