'ފަޒީސް ހިޖާމާ ތެރަޕީ' އިން ހިޖާމާގެ އެންމެ ސެޝަނަކުން ބަރުދަން ލުއި ކޮށްދޭނެ ކަމަށް ބުނާ މައްސަލައެއް ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ފަޒީސް ހިޖާމާ ތެރަޕީގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ހިޖާމާގެ އެންމެ ސެޝަނަކުން 3 ކިލޯ ނުވަތަ 4 ކިލޯ ލުއިވާނެ ކަމަށް ބުނެފައެވެ. އަދި މީގެ ކުރިން އެ ހިދުމަތް ދެމުން ދިޔައީ 1،000 ރުފިޔާއަށް ނަމަވެސް ސެޝަނެއްގެ އަގު 500 ރުފިޔާއަށް ކުޑަ ކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެ ސެޝަނާއެކު ބަރުދަން ލުއިކުރަން ކަސްރަތު ކުރުމުގެ އިތުރުން ކެއުން ވެސް ވަކި ގޮތަކަށް ބައްޓަން ކުރަން ނުޖެހޭނެ ކަމަށާއި، ހިޖާމާ ޖަހަން ޖެހޭނީ މަހަކު އެއް ފަހަރު ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ހިޖާމާ ސެޝަނަށްފަހު ބަރުދަން ލުއި ނުވާނަމަ ބަދަލުގައި 1،000 ރުފިޔާ ދޭނެ ކަމަށް ފަޒީ ހިޖާމާ ތެރަޕީން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ ފަޒީ ހިޖާމާ ތެރަޕީގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރި އެހެން ޕޯސްޓެއްގައި ވަނީ ހިޖާމާއަކީ ފަރުވާތަކުގެ ތެރެއިން އެންމެ ހެޔޮ ފަރުވާ ކަމަށް ހަދީސުން ސާބިތުވާ ކަމަށާއި ހިޖާމާގެ އެންމެ ސެޝަނަކުން ވެސް ބަރުދަން ލުއިވާ ކަމަށް ގަބޫލު ނުކުރާނަމަ އެއީ އީމާންކަން ބަލިކަށިވުން ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ މި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި އެކަން ބަލަމުންދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓާއި ގުޅިގެން ބައެއް އާންމުންގެ ޝަކުވާ ލިބުމުން ކަމަށް ވެއެވެ.
މީގެ ކުރިން ވެސް ފަޒީލާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އޭގެ ތެރޭގައި ހުއްދަ ނުނަގާ ހިޖާމާ ޖެހުން ހިމެނެއެވެ. އަދި 2022 ވަނަ އަހަރު ވަނީ ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް ބަންދު ވެސް ކޮށްފައެވެ. އެފަހަރު ބަންދުކޮށްފައިވަނީ ހަކުރު ބައްޔާ ގުޅެ ގޮތުން އޭނާ ދެއްކި ވާހަކަތަކުގެ އިތުރުން ހުއްދަ ނުނަގާ ހިޖާމާ ޖަހާކަމަށް ބުނެއެވެ.
މީގެ އިތުރުންވެސް ފަޒީލާ ކަސްޓަމަރުންނާ މުއާމަލާތް ކުރާ ގޮތުންނާއި ބައެއް ސިއްހީ މައްސަލަތަކަށް ހިޖާމާއިން ފަރުވާ ލިބޭ ކަމަށް ބުނެ ވަކާލާތު ކުރަމުން ދިޔުމާ ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުން މީގެ ކުރިންވެސް އޭނާ އަށް ވަނީ އަމާޒުވެފައެވެ.