އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އާ ފާމަސީ އެއް ހުޅުވައިފިއެވެ.
އެސްޓީއޯއިން ބުނީ މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި، އެއީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ ތަނެއް ކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ރޭ ހުޅުވިގެން ދިޔަ އެސްޓީއޯގެ އާ ފާމަސީ އަކީ އެހެން ފާމަސީތަކާއި ތަފާތު ކޮށް މޮޑާން ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މީގެއިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލް އަދި ގޭގައި ބޭނުން ކުރެވޭނެ މެޑިކަލް އިކުއިޕްމެންޓްސް ގެ އިތުރުން ޕާސަނަލް ކެއާ ރޭންޖް ގެ ވަރަށް ގިނަ ތަކެތި ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ފާމަސީގެ ހިދުމަތް ލިބޭ ގަޑިތައް:
- ހޮނިހިރު - ބުރާސްފަތި : 8:00 އިން 00:00 އަށް
- ހުކުރު : 14:00 އިން 22:00 އަށް
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރް މަންސޫރް އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް ކައިރީގައެވެ.