ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކުގައި ގާނޫނާއި ފުށުއަރާ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ހައްލުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާއި މަޝްވަރާ ކުރުމަށް ހައުސިން މިނިސްޓްރީ އިން ނިންމައިފިއެވެ.

"ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. މި ބަދަލާއި ގުޅިގެން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ގުރުނެގުމެއް ބާއްވާފައެވެ.

އެއާއެކު ކުރިން އެ ފަރާތްތަކަށް ދީފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލް ކޮށް އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" ވަނީ އުވާލާފައެވެ. އެހެންކަމުން އެ ފަރާތްތަކަށް އާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ބަންޑާރަ ގޯތީގެ އެއްބަސްވުން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ރަޖިސްޓްރީ ހޯދުމަށާއި އެއްބަސްވުމުގައި ސޮއިކުރުމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށްވެސް ވަނީ ހުޅުވާލާފައެވެ.

ނަމަވެސް މިއަދު ހައުސިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގުރުއަތުން ޕްލޮޓް ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހާއި މަޝްވަރާ ކުރުމަށް ނިންމީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އެހެންކަމުން ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، ނުވަތައެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައި ނުވާ ދިވެހި ރައްޔިތަކަށެވެ. ނަމަވެސް މިފަދަ ތަނެއް ލިބިފައިވާ ފަރާތެއް ނަމަ އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ލިބިފައިވާ ބައެއް، ނުވަތަ ގޯއްޗެއް، ނުވަތަ ފްލެޓެއް ދޫކޮށްލުމުން ކަމަށެވެ.

ހަމައެއާއެކު އެއްވެސް މީހަކަށް އެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްގައި ވެއެވެ. މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކަުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައި ވެއެވެ.