އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލްގައި ދެމުންދާ ސްޕެޝަލިސްޓް އޯޕީޑީ ހިދުމަތްތައް މާދަމާ ބަންދުވާނެ ކަމަށް ބުނެފިއެވެ.

އައިޖީއެމްއެޗް އިން ބުނީ، މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވާތީ އެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ދޭ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމްތަތއް ބަންދުވާނެ ކަމަށެވެ. ނަމަވެސް މާދަމާ އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ދޭނެ ކަމަށެވެ.

އަދި އިމަޖެންސީ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ދެމުންދާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެއެވެ.

މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައި ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެސް ދަތުރުފަތުރު ކުރުމާ ހިނގާބިނގާވާން ދަތިވުމާ ގުޅިގެން ދޭ ލުޔެއްގެ ގޮތުގައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާއި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއާއެކު މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު މާލެ ވަނީ ފެންބޮޑުވެ ދަތުރުފަތުރު ކުރުމުގެ އިތުރުން ހިނގާބިނގާވެ އުޅުމަށްވެސް ދަތިވެފައެވެ.

އުތުރާއި މެދު ރާއްޖެ ތެރެއަށް މެޓް އޮފީހުން ދަނީ ތަކުރާރުކޮށް މޫސުމާ ބެހޭ ސަމާލުތަކާއި އިންޒާރުތައް ނެރެމުންނެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ މެޓުން ވަނީ ލަފާކޮށްފައެވެ.