ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް 194 އެނދު އިތުރުކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރައްޒާގް ހަލީމް މިފަދައިން ވިދާޅުވީ އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ މަލްޓި ސްޕެޝަލިޓީ ސާޖިކަލްް ވިންގް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަމުންނެވެ.
އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ވަރަށް ގިނަ ކަންކަން ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ އީއާރަކާއި ފާޓިލިޓީ ސެންޓަރެއް ގާއިމްކޮށް އައިވީއެފްގެ ހިދުމަތް ތައާރަފްކޮށް އެ ހިދުމަތް ކުރިއަށް ގެންދާ ކަމާއި އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބްގެ މައްސަލަތައް ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށާފައިވާކަން އަބްދުއްރައްޒާގް ހަލީމް ފާހަގަކުރެއްވިއެވެ.
1995ގައި އައިޖީއެމްއެޗް ހޮސްޕިޓަލް ހުޅުވުނުއިރު، ހޮސްޕިޓަލުގެ ޖުމްލަ އެނދުގެ އަދަދަކީ 186 ކަމަށާއި 2023 ވަނަ އަހަރާ ހަމައަށް އައިއިރު އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭނުން ކުރެވޭ އެނދުގެ އަދަދަކީ 310 ކަމަށް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.
ފާއިތުވި 28 އަހަރު ދުވަހުގެ ތެރޭގައި މި ދެ ހޮސްޕިޓަލަށް އިތުރުކުރެވިފައި ވަނީ 130 އެނދުކަން ފާހަގަކުރައްވާ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް 119 އެނދު މި 2 ހޮސްޕިޓަލަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މިއަދު ހުޅުވި 75 އެނދުގެ މަލްޓި ސްޕެޝިއަލިޓީ ސާޖިކަލް ވޯޑާއެކު މިި 2 ހޮސްޕިޓަލުގެ ޖުމްލަ އެނދުގެ އަދަދު 510 އަކަށް އަރާފައިވާ ކަމަށް އަބްދުއްރައްޒާގް ހަލީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ހޮސްޕިޓަލް ހުޅުވުނުއިރު ހޮސްޕިޓަލުގައި ދެމުންދިޔަ މަލްޓި ސްޕެޝަލިޓީ ހިދުމަތްތައް މަދުނަމަވެސް މިހާރު ގާތްގަނޑަކަށް 32 މަލްޓި ސްޕެޝަލިޓީ ހިދުމަތްތައް އައިޖީއެމްއެޗް ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށެވެ. އަދި މިދިޔަ އަހަރު އެންޑޯވަސްކިއުލާ ނިއުރޯ ސާޖަރީގެ ހިދުމަތް ފަށާފައިވާ ކަމަށާއި މި އަހަރު ކާޑިއޯތޮރެސިކް ސާޖަރީ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަން އަބްދުއްރައްޒާގް ހަލީމް ފާހަގަކުރެއްވިއެވެ.