މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައިސްއޮފީހުގައި ކަމާ ބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި އެ އޮފީހުން ބުނެފިއެވެ.
އިއްޔެ ރޭ 20:30 ގައި ރައީސްއޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އައިޖީއެމްއެޗް އަދި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި ރައީސްއޮފީހުން ބުނީ މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، ތައުލީމީ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވާކަމަށް ބުނެފައެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދީގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަމަށްވެސް އެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުވުމާ ގުޅިގެން އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބައްދަލުވުން އިންތިޒާމުކޮށް ބާއްވައިދިން ކަމަށްޓަކާ ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. މީގެއިތުރުން ސަރުކާރުގެ ފަރާތުން މި ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގި ފިލާގައި ތިބެވޭނެކަމަށް ކުރާ އުންމީދުވެސް އާވެފައިވާކަމަށް ވަނީ ބުނެފައެވެ.
މެޑިސިން ކިޔަވާ ދަރިވަރުން ދަރުމަވަންތަ ހޮސްޕިޓަލުން ނިކުންނަން އަންގާފައިވަނީ އޭޕްރީލް 24 ވަނަ ދުވަހުއެވެ. މި ނިންމުން ނިންމާފައި ވަނީ ދަރިވަރުންނަށް ކްލާސްތައް ނަގައިދޭނެ އެއްވެސް ތަނެއް ނުދައްކާ ކަމަށާއި، ދަރިވަރުންނަށް ކްލާސްތައް ނަގައިދެމުން ދަނީ ޑިއުޓީކުރަމުންދާ އައިޖީއެމްއެޗްގެ އިސް ޑޮކްޓަރުން ކަމަށާއި، އެހެންވެ މި ނިންމުމުގެ ސަބަބުން ދަރިވަރުންނަށާއި ދަރިވަރުންނަށް ކިޔަވައިދެމުންދާ ޑޮކްޓަރުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް، ދަރިވަރުންގެ ފަރާތުން ވަނީ ބުނެފައެވެ.
2018 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލުގެ 8 ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާ ހިންގުމަށް ގައުމީ ޔުނިވާސިޓީ އަށް ދޫކޮށްފައި ވަނީ މެޑިސިން ސްކޫލް ހިންގުމަށް ޓީޗިން ހޮސްޕިޓަލެއް ގާއިމްކުރެވެން ދެނެވެ.
މެޑިކަލް ސްކޫލަށް ހާއްސަ ކެމްޕަހެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ. ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ހޮސްޕިޓަލު އެޅުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުގައެވެ. ނަމަވެސް ހުޅުމާލޭގައި އިމާރާތްކުރާ އެ ސްކޫލުގެ އަމަލީ މަސައްކަތް އަދި ނުފެށެއެވެ.