ނ. ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނެފައިވަނީ 504 މީހުންގެ އާބާދީއެއް އުޅޭ ފޮއްދޫގައި ތަރައްގީ ކުރާ މި މަޝްރޫއުގެ ދަށުން 30،648 ކިއުބިކް މީޓަރުގެ ސަރަހެއްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއ،ި 3,990 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ އިތުރުން 145 މީޓަރުގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަދި 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއެކު 130 މީޓަރުގެ އެއްގަމު ތޮއްޓާއި، 125 މީޓަރު ދިގު ޖެޓީއެއްގެ އިތުރުން 600 އަކަމީޓަރުގެ ޕޭވްމަންޓަކާއި، ނެރު ބައްތި އަދި ބަނދަރު ބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މިއީ 49.77 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއު ނިމުމާއެކު ރަށުގައި ބަނދަރެއް ނެތުމުން ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. ފޮއްދޫ އަކީ ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. މި ރަށުގައި 5 ގެސްޓް ހައުސް މިވަގުތު ހިންގާއިރު، ބަނދަރެއް ހެދިފައި ނެތުމުގެ ސަބަބުން ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް ދަތިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެއާއެކު އެމްޓީސީސީން ބުނީ ބަނދަރު ތަރައްގީކޮށް ނިމުމާއެކު ަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބ ޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާއެކުނިންމާލާފައިވާ ކުންފުންޏެކެވެ. 1980 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.