މާލޭގެ ކަންކަން ހައްލުކުރަން ޑރ. މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ލޯކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަން ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު އަށް މަރުހަބާ ދަންވަނާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ކަންކަން ހައްލުކުރުމުގައި ޑރ. މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަންވާ ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ ފަރާތުން ޑރ. މުއިއްޒުއަށް ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވާފައެވެ. އަދި އެމްޑީޕީ ވަނީ މާލެ ފިޔަވާ އެހެން ގިނަ ކައުންސިލް ތަކުގެ އަގުލަބިއްޔަތް ހޯދާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސީޓީގެ މޭޔަރުކަން އެމްޑީޕީ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ.