50،000 ރުފިޔާ ގެ އަގުހުރި އިނާމުތަކާއެކު ކެލާގައި ގުރްއާން މުބާރާތެއް ބާއްވާނެ ކަމަށް ކެލާ ކައުންސިލްގެ މިހާރުގެ ރައީސް އަދި އެމްޑީޕީއިން ރަށު ކައުންސިލަށް ވާދަކުރައްވާ އާދަމް ޣުފުރާން ވިދާޅުވެއްޖެއެވެ.

"ދޭންވީ ކީއްވެ؟" ނަމުގައި އެމްޑީޕީ ކެލާގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ޣުފުރާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަރާތް (އެމްޑީޕީ އަދި އަދާލަތު) ތަކުގެ ކައުންސިލެއް ރަތްޔިތުން ހޮވާ ދީފިނަމަ ކީރިތި ގުރްއާނަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމުގެ ގޮތުން 50000 ރުފިޔާގެ އަގުހުރި އިނާމުތަކާ އެކު ކެލާ ގުރްއާން މުބާރާތް ބާއްވާނެ ކަމަށެވެ.

ޣުފުރާން ވިދާޅުވީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރަށު ގޮފީގެ އިމާރާތް ކުރިއަށް ދާ ކަމަށާއި އެތަނުގައި ދީނީ ތައުލީމަށް ހާއްސަ ކުލާސް ރޫމަކާއި ލައިބްލަރީ ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑުގެ މިދަތި ވަގުތުގައި ވެސް ސަރުކާރުން ކެލާގެ ތަރައްގީއަށް ވަރަށް ގިނަގުނަ މަސައްކަތް ކޮއްދީފައިވާ ކަމަށް ޣުފުރާން ވިދާޅުވިއެވެ.

އެގޮތުން 5 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ކެލާގެ އެކި ފަރާތްތަކަށް ލިބިފައިވާ ކަމަށާއި 23 މިލިއަން ރުފިޔާގެ އެކި ޕްރޮޖެކްޓު ހިންގާފައި ވާއިރު 90 ދަރިވަރު ހިލޭ ޑިގުރީއަށް ކިޔަވާ އަދި އިންކަމްސަޕޯޓު އެލަވަންސްގެ ގޮތުގައި އެކި ފަރާތްތަކަށް 1 މިލިއަން ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ޣުފުރާން ވިދާޅުވިއެވެ.

ޣުފުރާން ވިދާޅުވީ މިއީ ސަރުކާރު ކެނޑިޑޭޓުންނަށް، ކެލާގެ ތަރައްގީއަށް މިފަހަރު ވޯޓު ދޭންވީ ސަބުބުތައް ކަމަށެވެ.