'އާބަން ފާމިން'ގެ ގޮތުގައި ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައި ވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރުއުޅޭ ފަރާތްތަތަކަށް ހުޅުވާލި ފުރުސަތުގައި ހޮވުނު 48 ފަރާތަށް ބިން ހަވާލުކޮށް، މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ދޭ ޓްރޭނިން ސެޝަންތައް ރަސްމީކޮށް ފަށައިފިއެވެ.

އެޗްޑީސީން ބުނީ އޮންލައިން ވެބިނައާއެއްގެ ގޮތުގައި ބޭއްވި އެ ސެޝަންގައި މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު އާއިި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ހާއްސަ ސަފީރު ކެއިކޯ ޔަނައި އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވް އަކިކޯ ފުޖީ ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ އާ ގުޅިގެން ހިންގާ" ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއުއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ދަނޑުވެރިކަމަށް ދޫކުރާ ބިންތައް އޮންނަ ސަރަހައްދު

އެޗްޑީސީން ބުނީ އެ ފެށި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމައުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޮވިޑް-19 އާލަމީ ވަބާގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެ މަޝްރޫއު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދާނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މާސްޓާ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްގީ ކުރަމުން ދާއިރު، މީހުން ދިރިއުޅޭ ސަރަހައްދުތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ނެއިބާހުޑް ތަކުގައި ގަސް ހެއްދުމަށް ފުރުސަތުތައް ފަހިކޮށް ދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ސެޝަންގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު އާތިފު ވަނީ މިއަދު ފެށި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން އެ ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި އިތުރު ގިނަ މައުލޫމާތުތަކެއް ދަސްވެ ދަނޑުވެރިކަމުގެ ރޫހު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ސެޝަންގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވަނީ އެފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކޮށް ހުޅުމާލޭގައި ފެށި މަޝްރޫއު އަކީ ކާމިޔާބު ނަމޫނާ މަޝްރޫއުއަކަށް ހެދުމަށް ބައިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

އެޗްޑީސީން ބުނީ އާބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކުރަން ކަނޑައަޅާފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިން މަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސާޗް އެންޑް އެގްރިކަލްޗާއިން ހިންގާ އެ ޓްރެއިނިން ގައި ބައިވެރިވުމަކީ މިހާރު ގަސް ހައްދާ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު ލިބިގެންދާނެ ތަމްރީނު ޕްރޮގުރާމެއް ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.