ރައްޔާނު މުހައްމަދު، ރައިޑޭ އަކީ މިހާރު ރާއްޖޭގައި ފިޔަޖަހަމުން އަންނަ އެންމެ ކުޅަދާނަ ރެޕް އާޓިސްޓުންގެ ތެރޭގައި ހިމެނޭ އެކަކޭ ބުނުމަކުން ދޮގަކަށް ނުވާނެވެ. އއ. މަތިވެރިއަށް އުފަން، އުމުރުން 21 އަހަރުގެ ރައިޑޭ އަކީ އޭނާގެ އަޑުން އެތައް ބައެއްގެ ހިތްތައް ކަތިލާފައިވާ ފަންނާނެކެވެ. އެހާ ވެސް ލަވަ ކިޔުން ފުރިހަމައެވެ.

ރައިޑޭ

ރެޕް ލަވައިގެ ދުނިޔެއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ރައިޑޭ ބުނީ، ފުރަތަމަ އޭނާ ކިޔާފައިވާ ލަވަ ހެދީ އޭނާ އާ ރައްޓެއްސަކާ އެކު ކަމަށެވެ. އެ ލަވަ ކިޔަން ހަމަޖެއްސީ އެހެން މީހެއް ކަމަށާއި ކަން ދިމާ ކުރި ގޮތުން ލަވައިގެ ރެކޯޑިން އޮތް ދުަވަހު ލަވަ ކިޔަން ހަމަޖައްސާފައި ވާ މީހާއަށް ނާދެވުމުން އެލަވަ ކިޔަން އޭނާއަށް ޖެހުނީ ކަމަށް ރައިޑޭ ބުނެއެވެ.

ރައްޓެއްސަކާއެކީ ލަވައެއް ހަދަން ވެގެން، ދެން އެލަވަ ހަދާފަ، ކިޔަން އޮތީ އަސްލު އެހެން މީހެއް، އެކަމަކު އޭނާއަށް އެދުވަހު ނާދެވިގެން އެދުވަހު އެބައި އެޅީ، އެހިސާބުން ރެޕް ކުރަން ފެށުނީ
ރައްޔާން މުހައްމަދު (ރައިޑޭ)

އެ ލަވައަށް ތަފާތު ކޮމެންޓު ލިބުނު އިރު އެއްބައި މީހުން ވަނީ ވަރަށް ރީތި ކަމަށް ބުނެފައެވެ. ނަމަވެސް އަނެއް ބައި މީހުންނަށް އެލަވަ "އެހާ އެހާ" އެއް ނޫނެވެ.

އެއީ މާޒީކަމަށް ބަލަމާ ހެއްޔެވެ؟ މިހާރު އޭނާ ހުށަހަޅާ، ނުވަތަ ކިޔާ ލަވަތަކަށް ލިބޭ ތަރުހީބު ކުޑައެއް ނޫނެވެ. ލިބެމުން އަންނަނީ ގިނައިން ޕޮޒިޓިވް ކޮމެންޓެވެ. ރައިޑޭ ބުނާގޮތުގައި މިހާރު ނެގަޓިވް ކޮމެންޓު ވަރަށް ނާދެއެވެ.

ރައިޑޭ އޭނާގެ ސަޕޯޓަރުންނާއެކު

ރައިޑޭ އަކީ އަމިއްލައަށް ލަވަ ލިޔެ، ކިޔާ ވެސް ފަންނާނެކެވެ. އޭނާ އެންމެ ފުރަތަމަ ކިއި ލަވައަކީ "ފަރުވާ" އެވެ. އެއީ 2017 ވަނަ އަހަރެވެ.

މިހާތަކަށް ގިނަ ލަވަތަކެއް ރައިޑޭ ކިޔާފައި ވާއިރު އެ ލަވަތަކުގެ ތެރެއިން އޭނާއަށް އެންމެ ކަމުދާ ލަވައަކީ "އުއްޑުން" މި ލަވައެވެ.

https://www.youtube.com/watch?v=XFBUuUvSwhA

ރައިޑޭ ބުނާ ގޮތުގައި އަޑު ރީތިކޮށް ބެހެއްޓުމަށް އޭނާއަށް އެހާބޮޑަށް ސަމާލުކަމެއް ނުދެވެއެވެ.

އަޑު ރީތިކޮށް ބެހެއްޓުމަށް، އަސްލު ވަރަށް ނުބެލޭ އަޑަށް، އެހެން ވަކި ޕްރޮސީޖާ ތަކެއް ނުހުރޭ ފްލޯ ކުރާ، ނަމަވެސް ޝޯ ނުވަތަ ލަވައެއް ރިކޯޓު ކުރާނަމަ ހޫނު އެއްޗެއް ބޯލަނީ، ރިކޯޑިންގަ ހޫނު ފެން.
ރައްޔާނު މުހައްމަދު (ރައިޑޭ)

ރައިޑޭ އަށް މި ދާއިރާއިން އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އެންމެ ކައިރީގައި އުޅޭ މީހުންގެ ފަރާތުން ކަމަށް އޭނާ ބުނެއެވެ. އަދި ރެޕް އާޓިސްޓުން ކަމަށްވާ ޕެސްޓު، މާޓު އަދި ޓޯއީގެ ފަރާތުން ވެސް އެހިތެރިކަން ލިބޭކަމަށް ރައިޑޭ ބުނެއެވެ.

https://www.youtube.com/watch?v=wE8ekk-ascY

ރައިޑޭ ބުނިގޮތުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިކަން ކޮށްގެން އުޅޭ މީހުން (ރެޕް ކުރާ މީހުން) ދިރިއުޅުން އުޅެވޭ ވަރުގެ ޕްލެޓްފޯމް ތަކެއް އައުން ކަމަށް އޭނާ ބުނެއެވެ.

ރައިޑޭ އޭނާގެ ސަޕޯޓަރުންނާއެކު

މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ރައިޑޭ ދޭން ބޭނުންވާ މެސެޖަކީ ކުރިއަށް ދާން ބޭނުންވާނަމަ އެކަން އާދައަކަށް ހަދާ އެކަން ކޮންމެ ދުވަހަކު ކުރުމެވެ. ރައިޑޭ ބުނަނީ ގިނަ ދުވަސްވާ ވަރަކަށް ކުރިއަރައިގެން ދާނެ ކަމަށެވެ.

ކުރިއަށް ދެވެން އޮންނާނެ ގޮތަކީ ކޮންމެ ކަމެއްގަ ވިއަސް އެކަން އާދައަކަށް ހެދުން، ޑެއިލީކޮށް އެކަން ކުރުން، އެކަމެއް އެމީހާ ކުރާ ވަރަކަށް ކުރިއަރައިގެން ދާނެ، ގިނަ ދުވަސް ވާ ވަރަކަށް.
ރައްޔާން މުހައްމަދު (ރައިޑޭ)

ރައިޑޭ އެންމެ ފަހުން ފެނިގެން ދިޔައީ" ކޯވަރެއް" މި ލަވައިންނެވެ. އެ ލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ރައިޑޭ ސަޕޯޓަރުން ކައިރިން އެދެނީ ކުރިއަށް އޮތް ތަނުގައި އޭނާގެ ލަވަތައް އަޑުއަހުމެވެ. އަދި މިހާތަނަށް އޭނާ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.