ކަދުރަކީ ދިވެހިންނަށް އިތުރު ތައާރަފަކަށް ބޭނުންވާނެ މޭވާއެއް ނޫނެވެ. ވަކީން ހާއްސަކޮށް، ބަރަކާތްތެރި ވެގެންވާ މި މައްސަރާއި ކަދުރުގެ ގުޅުމަކީ ބަދަހި ގުޅުމެކެވެ. ރޯދަމަހާ ދިމާކޮށް ކަދުރު ހޯދުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ސަގާފަތެކޭވެސް ބުނެވިދާނެއެވެ.

މި ކަދުރު ދިވެހިންނާ ހިސާބަށް ދަތުރު ކުރަނީ އިންތިހާ ދުރު ރާސްތާތަކުން ކަމުގައި ވީ ނަމަވެސް، މިއީ ރޯދަ މަހު، ދިވެހިންގެ ހިތްތަކާ އެންމެ ދޯޅަ އެއް މޭވާއެވެ. ކަދުރު ރުއްތައް އާންމު ކޮށް ހެދެނީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ގައުމުތަކުގައެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ކަދުރު ގަތުމަށް ސްރީނަގަރުގެ ބާޒާރެއްގައި އާންމުން ހަރަކާތްތެރިވަނީ/ފޮޓޯ: އޭ.އެން.އައި

ދީނީ ގޮތުން ބަލާއިރުވެސް ކަދުރު ހާއްސައެވެ. އިސްލާމް ދީނުގެ އަލީގައި، ނަފްސަށް ފަރުވާދޭނެ ގޮތްތައް ބަޔާންކޮށްދެއްވަމުން، މުސައްނިފު އާމިރު އަޔާދު، އޭނާގެ ފޮތް، "ހީލިންގް ބޮޑީ އެންޑް ސޯލް"ގައި ލިޔުއްވާފައި ވާ ގޮތުގައި، ކީރިތި ޤުރުއާނުގައި، ކާތަކެތީގެ މަސްދަރުތަކުގެ ތެރެއިން، އެންމެ ގިނަ އަދަދަކަށް ނަންގަނެވިފައިވަނީ ކަދުރުގެ ވާހަކައެވެ.

"އަދި ޚަލްޤުތަކުންނަށްޓަކައި އެ ކަލާންގެ ބިން ލައްވާފައިވެއެވެ. އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ."

(އައް-ރަޙްމާން ސޫރަތް، 10-11)

"އަދި ކަދުރުރުއްތަކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިމަސްރަސްކަލާންގެ އެ ބިމުގައި ލެއްވީމެވެ. އަދި ފެންއާރުތައް އެބިމުގައި ހިންގެވީމެވެ."

(ޔާސީން ސޫރަތް، 34)

މި އުއްމަތުގެ ރަސޫލާ މުހައްމަދު صلى الله عليه وسلم، އިތުރު ކާތަކެއްޗާއެކު ކަދުރު ފަރީއްކުޅުއްވުމަށް ގަޔާވެވަޑައިގަތެވެ. އެގޮތުން، ކިއުކަމްބާއާއެކު ކަދުރު ފަރީއްކުޅުއްވިއެވެ. މީގެ އިތުރުން، ބަޓަރު، ޕާން އަދި ކަރައާއެކުވެސް އެކަލޭގެފާނު ކަދުރު ފަރީއްކުޅުއްވިއެވެ.

ރޯދަ ވީއްލާ ވަގުތުގައިވެސް، ވީ ވަރަކުން ކަދުރު ބޭނުން ކުރުމަށް ރަސޫލާ މުހައްމަދު صلى الله عليه وسلم، ވަނީ އިރުޝާދު ދެއްވާފައެވެ.

ކަދުރު / ފޮޓޯ: ސޯޝަލް މީޑިއާ

ކަދުރުން ލިއްބައިދޭ ސިއްހީ ފައިދާތައް އިންތިހާއެވެ. ހަށިގަނޑަށް ފައިދާހުރި ކެއުމެއްގައި ނަމަ، ކަދުރު ހިމަނަންވާނެ ކަމަށް ބުނެއެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް އެކުލެވެއެވެ.ބަނޑު ހިކުން ފަދަ ކަންކަމުން ފެށިގެން، ހިތުގެ ބައްޔާއި ކެންސަރު ބަލީގެ މީހުންނަށްވެސް ކަދުރުގައި ފައިދާވެއެވެ.

ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ.

ކަދުރުގައި ހިމެނޭ ނިކޮޓިނިކް ޕްރޮޕަޓީސް ސަބަބުން ގޮހޮރުގެ އެކިއެކި މައްސަލަތަކަށް ލުއިކަން ގެނެސް ދެއެވެ. ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ.

ކަދުރު ކޯންޏެއް / ފޮޓޯ: ޖެނެޓިކް ލިޓްރަސީ ޕްރޮޖެކްޓް

ކަދުރު ބޭނުންކުރުމަކީ އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އެތަކެއް ކެންސަރުން ދުރުކޮށް ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަމެކެވެ. ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުފަދަ ބަލިތައް އުފަންވެގެން އައުން ކުޑަކޮށްދޭ ކަމެކެވެ.

ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ކާނާގެ ބާވަތެކެވެ. މިސަބަބާހުރެ، ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރު ކެއުމަށް އިރުޝާދު ދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މިއީ ވިހަން ކައިރިވުމުން ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބުނެވޭގޮތުގައި ވިހެއުމުގައި ތެރޭގައި ރަހިމުގެ ދޮރު ފުޅާކުރުމުގައި ވެސް ކަދުރު ބޭނުންކުރުން އެހީއަކަށް ވެއެވެ. ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެކެވެ.

ކަދުރަކީ ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެއް / ފޮޓޯ: ފަސްޓްކްރައި ޕޭރެންޓިންގް

ޑޭޓް ސްޓަފްޑް ކިއުކަމްބާ

ބޭނުންވާނެ ތަކެތި

1 ކިއުކަމްބާ (ތޮށި ނުމަށާ)

½ ޖޯޑު ކަދުރު (އޮށް ނަގާ، ކުދިކޮށް ކޮށާފަ)

¼ ޖޯޑު ފެން

¼ ޖޯޑު ޕީކާން ނުވަތަ ވޯލްނަޓް (ޓޯސްޓުކޮށް، ކޮށާފަ)

އެކި ކަހަލަ ފަތްޕިލާވެލި (އާބްސް، ޒީނަތްތެރި ކުރަން)

ހަދާނެ ގޮތް

¼ އިންޗި ބޯމިނަށް ކިއުކަމްބާ ފޮތި ފޮއްޗަށް ކޮށާލާ، އަދި މެދުގައިވާ އޮއްތައް ސާފުކޮށް ނަގާ.

ކުޑަ ތަވައަކަށް ފެން އެޅުމަށްފަހު، ކަދުރުތައް ފެނު ކައްކާ. އެއަށްފަހު ގިނި މަޑުކޮށް 15 ވަރަކަށް މިނެޓް ވަންދެން ކައްކާ.

އުނދުން މަތިން ބޭލުމަށްފަހު ކަދުރުތައް ރަނގަޅަށް ޗިސްކޮށްލާ. ޕޭސްޓަކަށް ވުމުން، ނަޓްސްކޮޅު އެއްކޮށްލާ.

އެއަށްފަހު، ކިއުކަމްބާ ފޮތި ތެރެއަށް ކަދުރު އަދި ނަޓް ޕޭސްޓް ކޮޅު އަޅާ، ފިއްތާލާ.

ބޭނުން ނަމަ އެކި ކަހަލަ އާބްސް ބޭނުންކޮށްގެން ޑިޝް ޒީނަތްތެރި ކުރެވިދާނެ.

ކަދުރަކީ އޭގެ ފައިދާ އިންތިހާއަށް ގިނަ އެއްޗަކަށް ވާ ފަދައިން ކަދުރު ބޭނުން ކުރެވޭނެ ތަފާތު ގޮތްތައްވެސް ހުރެއެވެ. އެގޮތުން، ކިރާއި ޔޯގަޓާއެކުގައިވެސް ކަދުރު ބޭނުން ކުރެވިދާނެއެވެ. އަދި އިތުރު އެއްޗަކާ އެއް ނުކޮށްވެސް، ކަދުރަކީ އަނގަޔަށް މީރު މޭވާއެކެވެ.