އަންނަ މަހު ހިލާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ޔަގީންކަން އޮބައޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިމަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ދިނުމުގެ މަސައްކަތް ކުރި ކަމަށެވެ.
ނަމަވެސް ފްލެޓް ކޮމިޓީގެ ފަރާތުން އިތުރަށް ބެލުމަށް ބުނެފައިވާ ކަންކަން އެއްކޮށް ބަލާ ނިމިފައި ނުވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކުރިއަށް އޮތް މަހުގެ ތެރޭގައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އެގޮތުން އެޗްޑީސީން މިހާރު ވެސް އެކި މީހުންނަށް ލިބެންޖެހޭ އެޕާޓްމަންޓްތައް ގުރުއަތުލުމުގެ މަސައްކަތް ކުރަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެގްރިމެންޓްގެ ކަންތައްތައް ވެސް ފައިނަލައިޒް ވަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ ޑައުންޕޭމަންޓައް ދައްކަންޖެހޭ އަދަދަކާމެދު އަދި ސަރުކާރުގެ ފަރާތުން ބަހެއް ބުނެފައިނުވާ ކަމަށާއި ނަމަވެސް ޑައުންޕޭމަންޓަށް ދައްކަން ޖެހޭ އަދަދެއް ހާމަކުރަން ޖެހޭ ކަމަށެވެ.
މިހަފްތާ ތެރޭވެސް ކެބްނެޓުގައި އެންމެ ބޮޑަށް ދެއްކި ވާހަކައަކީ އެކަމާ ގުޅިގެން ދެއްކި ވާހަކަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.