އެޗްޑީސީގެ ފަރާތުން އެކި ބޭނުންތަކަށް އިމަރާތްކޮށް ތަރައްގީ ކުރާ ޔުނިޓްތައް އެ ކޯޕަރޭޝަނާ ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ މިއަދު ރަސްމީކޮށް އިފްތިތާހު ކުރި އެ ފުރުސަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ދާއިރާގައި ހަރަކާތްތެރި ވާނެ ފަންނީ މީހުން އުފެއްދުމާއި، އެގޮތަށް މަސައްކަތް ކުރާނެ ފުރިހަމަ ޕްލެޓް ފޯމްއެއް ގާއިމު ކޮށްދިނުން ކަމަށެވެ.

ސޭލްސް އެޖެންޓުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން އޭޕްރީލް 15، 2021 އަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކުން ރަޖިސްޓްރީ ވުމަށް ފީ އެއްގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ހަމަޖެހިފައި ވާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 500 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިފަހަރުގެ ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީންގައި ބައިވެރިވެ އެސެސްމެންޓްގެ އެންމެ މަތިން މާކްސް ހޯދާ 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތަމްރީންތަކުގެ އިތުރުން، އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކަށް ކޮމިޝަން އެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ، އިމާރާތް ކުރުމުގެ ދާއިރާއަށް ހުނަރުވެރި ގިނަ ބަޔަކު ނެރެ، ވިޔަފާރި ކުރުމަށް ފަހި ފުރުސަތުތަކެއް ކުރިމަގުގައި ވެސް ފަހިކޮށް ދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.