ހުޅުމާލެ މާރުކޭޓުން ބައެއް ގޮޅިތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ލޯކަލް މާރުކޭޓުން (ރަށުމާރުކޭޓުން) އަށް ގޮޅި ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދެ ގޮޅި ހާއްސަ ކޮށްފައިވަނީ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމުގެ ބާވަތްތައް (އާޓްސް އެންޑް ކްރާފްޓްސް) އަށް ކަމަށް އެޗްޑީީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މަސްވެރިކަމަށް ބޭނުންކުރާ ތަކެތީގެ އިތުރުން މަސްވެރިކަމާ ގުޅުން ހުރި ތަކެތި (ފިޝިންގިޔާ އަދި ގުޅުން ހުރި ތަކެތި) އަށް ވެސް ދެ ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހަމައެހެންމެ އޮޅު ކޮށްގެން ގެންގުޅޭ ޖަނަވާރަށް ކާންދޭ ތަކެތި އަދި ގުޅުން ހުރި ތަކެތި (ޕެޓް ފުޑް)އަށް ހާއްސަ ކުރާ ގޮޅިއަކާއި ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ތަކެތި (ސެކަންޑް ހޭންޑް ގުޑްސް) ގޮޅިއަކާއި ޖޫސް ޖޮއިންޓް ހިންގުން އަދި ކިއޮސްކް (ލުއި ކާނާ، ބުއިން، ކޮފީ ފަދަ ތަކެތި ވިއްކުމަށް) ހިންގުމަށް ހާއްސަ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނި ބުނެފައެވެ.

އެޗްޑީސީން ބުނީ ލޯކަލް މާރުކޭޓުން (ރަށު މާރުކޭޓު ގޮޅި) ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ މާޗް 07، 2021 ވާ ދުވަހުގެ 4:00 އާއި 6:00 ދެމެދުގައި ހުރަވީ ސުކޫލްގެ ހޯލުގައި ކަމަށެވެ.