މިދިޔަ އަހަރުގެ ފަހު ކުއާޓާގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.89 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެއެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 1.89 ބިލިއަން ރުފިޔާ ވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައެވެ. އެއީ 2019 އަހަރުގެ އެ މުއްދަތައް އަޅާ ބަލާނަމަ 48.2 ޕަސެންޓު ދަށް އަދަދެއް ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން ބުނީ އާމްދަނީއަށް ބޮޑު ދަށްވުމެއް އައިސްފައިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި އެއާޕޯޓު ޑިވަލޮޕްމެންޓް ޕީ އާއި އެއާޕޯޓު ސާވިސް ޗާޖު އަދި ގްރީން ޓެކްސްގެ ގޮތުގައި ބަލައިގެން އާމްދަނީ ދަށްވުމާ ގުޅިގެން ކަމަށެވެ. ދިވެހިރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާ ގައި ހުޅުވާލި ނަމަވެސް 2019 ވަނައަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 2020 ވަނަ އަހަރު ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރި މިންވަރު ވަނީ 83.2 ޕަސަންޓު ދަށްވެފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ހަތަރު ވަނަ ކުއާޓާގައި ބަލައިގަތް ޓެކްސްގެ އާމްދަނީގެ ޖުމްލައަކީ 1.35 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާ އާ އަޅާބަލާއިރު 45.9 ޕަސަންޓު ދަށް އަދަދެކެވެ.
މީރާގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ޓެކްސްގެ އާމްދަނީގެ އިތުރުން މީރާއަށް ބަލައިގަންނަ އެހެނިހެން އާމްދަނީ ވަނީ 613.54 މިލިއަން ރުފިޔާ ދަށްވެފައެވެ.
ހަތަރު ވަނަ ކުއާޓާގައި މީރާއަށް އެންމެބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 961 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އާމްދަނީގެ 50.8 ޕަސެންޓެވެ. އިންކަމް ޓެކްސްގެ ގޮތުގައި 114.93 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.
އޭގެ އިތުރުން ރިސޯޓުތަކުގެ ކުލިން 314.89 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީއިން ލިބިފައިވަނީ 170.40 މިލިއަން ރުފިޔާއެވެ. އަދި ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 64.50 މިލިއަން ރުފިޔާ މިއަހަރު ވަނީ ލިބިފައެވެ.