އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން، އެކަން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރު ވަމުން ދާއިރު އެ ކަމުގެ ފަހަތުގައި ވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ބޭނުން ކޮށްގެން އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލުކުރަން މަސައްކަތް ކުރުމަކީ ފަލަސްތީނުގެ މުސްލިމް އަހުންނަށް އިޒްރޭލުން އެދޭ އަނިޔާތަކަށް ހިތްވަރުދިނުން ކަމަށެވެ.

ފަލަސްތީނުގެ ދިފާއުގައި މުޅި ދިވެހި ގައުމު އެކަތިގަނޑަކަށްވެފައިވާ މިދަނޑިވަޅުގައި މަޖިލިސް މެމްބަރަކަށް ހުންނަވައި ފިތުނަ އާއި ދޮގު ފަތުރުއްވާ ދިވެހި ސަފުތައް ބައިބައިކުރަށްވަން ތިޔަކުރައްވާ މަސައްކަތް ހުއްޓަވާލެއްވުމަށް އިލްތިމާސްކުރަން
އަބްދުﷲ ޝާހިދު

ދުނިޔޭގެ ހަބަރުތައް ގެނެސްދޭ 'އެކްސިއޯސް' ގައި ރިޕޯޓްކޮށްފައިވާ ގޮތުން ރިޕަބްލިކަން ޖޯޝް ގޮޓްހައިމަ، ގެންދަނީ އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް ވަނުމުގެ ހުއްދަ ދިނުމަށް ޝަރުތުކޮށް، އެމެރިކާއިން ރާއްޖެއަށް ދޭ އެހީތައް ދިނުމުގައި އެކަމަށް ޝަރުތު ކުރުމަށް ގަނޫނެއް އެކުލަވާލުމަށް ތައްޔާރު ވަމުންނެވެ. ކޮންގްރެސްގައި އިޒްރޭލުގެ އެންމެ ވަރުގަދަ އެއް ޑިފެންޑަރު ގޮޓްހައިމަ، އެމެރިކާގެ ދެ ޕާޓީގެ އެކުވެރިންނާ އެކު ބިލުގެ މަސައްކަތް ކުރަމުން ދާކަމަށް ރިޕޯޓް ކޮށްފައި ވާއިރު، އެ ބިލަށް ކިޔާނީ ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ (ޕީއޭޓީއެޗް) އެކްޓް ކަމަށް މަސްދަރުތައް ވަނީ ބުނެފައެވެ.

މީގެ އިތުރުން ގޮޓްހައިމަ ހުށަހަޅަން ތައްޔާރު ވަމުން ދާ ބިލަށް އަލިއަޅުވާލަމުން އެކްސިއޯސްގައި ބުނެފައިވަނީ އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް، އެމީހުން ދައްކާ ޓެކްސް ޑޮލަރު ފޮނުވަން ނުޖެހޭނެ ކަމަށެވެ. އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމެރިކާއިން 2019 އާއި 2023 އާ ދެމެދު ރާއްޖެއަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރުގެ މާލީ އެހީ ފޮނުވާފައި ވެއެވެ.

ރައީސް އޮފީހުގައި ޖޫން 2 ވަނަ ދުހު ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައި އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އިއުލާނުކުރައްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނަށް އިސްލާހުތައް ގެނައުމަށް ނިންމައި ވަޒީރުންގެ މަޖިލީހުން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުން ހިންގާ ގަތުލުއާންމުގެ މައްސަލައިގައި ފަލަސްތީނުން އެދޭ ކަންކަން ދެނެގަތުމަށްޓަކައި ހާއްސަ މަންދޫބެއް ކަނޑައަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަމަށާއި، ރާއްޖޭން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ، ސަރުކާރުން މިއަދު ނިންމި ނިންމުމަކީ ދިވެހި ގިނަ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި، ރައީސާ ވަކިން ބައްދަލުކޮށް ވެސް އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ބައެއް އާންމުން ހުށަހަޅާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ނިންމުމަކީ އިންސާނިއްޔަތަށްޓަކައި އަދި މުސްލިމުންނަށްޓަކައި ނިންމާ ނިންމުމެއް ކަމަށެވެ.

އިޒްރޭލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 40 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 80 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.