ދުނިޔޭގެ ބައެއް ގައުމުތަކުން މިދިޔަ އަހަރު، އިޒްރޭލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރި ކުރުމަކީ، އެ ގައުމުތަކުން ކުރި "ފާފައެއް" ކަމަށާ، އެ ފަދަ ނިންމުންތައް އިހު އޮތް ގޮތަށް ރުޖޫއަ ކުރަން ޖެހޭ ކަމަށް، އީރާނުގެ ރޫހީ ލީޑަރު، އާޔަތުއްލޯ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޯނާލްޑް ޓްރަމްޕްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސް ކަމެއް ދޭ އެއް ކަމެއްގެ ގޮތުގައި އަރަބި-އިޒްރޭލުގެ ގުޅުން ބަދަހި ކުރުން ހިމަނުއްވައިގެން ހިންގެވި ކެމްޕޭންގެ ތެރެއިން، 2020 ވަނަ އަހަރުގެ ތެރޭގައި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ބަހްރައިން، ސޫދާން އަދި މޮރޮކޯއިން ވަނީ އިޒްރޭލާއެކު އާންމު އުސލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކޮށްފައެވެ.

މި އަމަލަކީ އިސްލާމީ އެއްބައިވަންތަ ކަމުގެ ޝިއާރާ ހިލާފު ކަމެއް ކަމަށާ، އެ މަގުން އެއްކިބާވެ، ހެދުނު ބޮޑު ގޯހުގެ ބަދަލު ދޭން ޖެހޭ ކަމަށްވެސް ހާމަނާއީ ވަނީ ގޮވާލައްވާފައެވެ.

1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށް ފަހު، އެ ގައުމަކީ ފަލަސްތީނުގެ ހައްގުގައި އެންމެ ފާޅުގައި، އަޑުހަރުކޮށް ވަކާލާތު ކުރަމުން އަންނަ އެއް ގައުމެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް، އިޒްރޭލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކޮށްފައި އޮތް 2 ގައުމަކީ އުރުދުންއާއި މިސްރެވެ.

މި ރޫހުގައި ވާހަކަ ކުރިއަށް ގެންދަވަމުން ހާމަނާއީ ވަނީ، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އަށަގެންނެވިއްޖެނަމަ، ފަލަސްތީނުގެ މައްސަލައަށް، އެންމެ ފުރިހަމަ ސިފައިގައި ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ގޮތަކަށް ހާމަނާއީ ވާހަކަދެއްކެވިތާ ކުޑަ ވަގުތުކޮޅެއް ފަހުން، އީރާނުގެ ސަލާމަތާ ބެހޭ އިސް އޮފިޝަލު، އަލީ ޝަމްހާނީ ވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއަށް އިޒްރޭލުން ހަމަލާ ދީފިނަމަ، ސިހުން ގެނުވަނި ރައްދު ހަމަލާއެއްގައި އިޒްރޭލަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ދޭނެ ކަމަށް އިންޒާރު ކުރައްވާފައެވެ.