ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ޒިންމާ އެޅިފައި އޮތީ އިންޑިއާގެ ކޮނޑުގައި ކަމަށް، އިންޑިއާގެ ޒަމާންވީ އަދުއްވުމުގެ ގޮތުގައި އޮތް ޕާކިސްތާނުން ބުނެފިއެވެ.
ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަލްޖަޒީރާއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި، ޕާކިސްތާނުގެ ހާރިޖީ ވަޒީރު، ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވީ، ސުލްހައިގެ މަޝްވަރާގެ މޭޒަށް ހާޒިރުވުމަށްޓަކައި، ދިގުލާ ގޮސްފައިވާ ކަޝްމީރުގެ މައްސަލައާއި، ހައްގުތައް ނިގުޅައިގަތުމުގެ ލާއިންސާނީ ޖަރީމާތަކަށް އިންޑިއާއިން ނިމުން ގެނެސްގެން ކަމަށެވެ.
އަލްޖަޒީރާއާ ވާހަކަދައްކަވަމުން ގުރައިޝީ ވަނީ، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން، މޯދީ ގެންގުޅުއްވަނީ އިންތިހާއަށް ހަމަނުޖެހުން އުފައްދަނިވި ރޫހެއް ކަމަށާ، މޯދީގެ ފިޔަވަޅުތަކަކީ ޒިންމާދަރުކަން ކުޑަ ގޮތެއްގައި އަޅުއްވާ ފިޔަވަޅުތަކެއް ކަމަށެވެ.
މި ވާހަކަތުގައި ގުރައިޝީ އިޝާރާތް ކުރައްވާފައި އެވަނީ، އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރި ކަމަށް ވަކާލާތު ކުރަމުން އަންނަ ކަޝްމީރުގެ އިންޑިއާއަށް ވީ ފަޅިއަށް ލިބިދީފައި އޮތް ހާއްސަ ދަރަޖައަށް އުނިކަން ލިބޭ ގޮތަށް 2019 ވަނަ އަހަރުގެ އޯގަސްޓް މަހު، އިންޑިއާގެ ގާނޫނަށް ގެނައި "އިސްލާހާއީ"، އެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި ހިންގި ހަރަކާތްތަކަށް ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމަށް ރޭވިކަމަށް، ޕާކިސްތާނުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ތުހުމަތުތަކެއް ފެންމަތިކޮށްފައެވެ. ނަމަވެސް، އިންޑިއާއާއި ޕާކިސްތާނުގެ ނުތަނަވަސް މަސްރަހު ފިނި ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްތަކެއް ކުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ގުރައިޝީ ވަނީ އަލްޖަޒީރާއަށް ވިދާޅުވެފައެވެ. ނަމަވެސް، އެކަމުގެ ތަފްސީލީ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށްވެސް ގުރައިޝީ ވަނީ ވިދާޅުވެފައެވެ.
2018 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމު ކަށަވަރު ކުރެއްވުމަށްފަހު، އިމްރާން ހާން ވަނީ، އިންޑިއާއާއެކު ސުލްހައި މަޝްވަރާތަކައިގެން ކުރިއަށް ވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ.