ދުނިޔެވީ އުސޫލުން ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް ކިތަންމެ ކަމެއް ބަދަލު ވެދެއެވެ. ވީ އިރު، މަހެއްހާ ދުވަހުގެ ތެރޭގައި ކިހާ ކަމެއް ބަދަލު ވާނެ ހެއްޔެވެ؟ މިދިޔަ މާޗް މަހެވެ. ދެކުނު އޭޝިއާގެ ސުޕާޕަވަރުގެ މަގާމަށް ވަކާލާތު ކުރަމުން އަންނަ އިންޑިއާއިން ވަނީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާ ރަޝިއާއާއި އެ ގައުމާ ދެމެދު އޮންނަ ދޭދޭ ގުޅުންތަކައިގެން، ހުޅަނގުގެ ބާރުތަކާއެކު ނުރައްކާ ކުޅިބައެއް ރާވާލާފައެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ފެށުމާއެކު ބައިނަލްއަގުވާމީ މައިދާނުގައި ރަޝިއާ އެކަހެރި ކުރުމަށް ހުޅަނގުގެ ނުފޫޒުތަކުން ޕްރެޝަރު ކުރަމުން ދާ ދިއުމަށް، އިންޑިއާއިން ދެނީ ބީރު ކަންފަތެކެވެ. އިންޑިއާއާއި ރަޝިއާގެ ގުޅުމުގައި ހީނަރުކަމުގެ ސިއްކައެއް ޖެހުމުގެ ބަދަލުގައި، އިންޑިއާއި މިސްރާބު ހިފީ، ގުޅުންތައް ދަމަހައްޓާ، އިތުރަށް ވަރުގަދަ ކުރުމާ ދިމާއަށެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިން

ޔޫކްރައިންގައި ރަޝިއާއިން ހިންގަމުން ދާ ޖަރީމާތައް ކުށްވެރި ކުރުމަށް އިންޑިއާއިން އިންކާރު ކުރީ އެކަންޏެއް ނޫނެވެ. ރަޝިއާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދަނިކޮށް، ހެޔޮ އަގުގައި ރަޝިއާއިން ތެޔޮ ގަތުމަށް އިންޑިއާއިން އެއްބަސްވުމެއްވެސް އެކުލަވާލީ މި މުއްދަތުގެ ތެރޭގައެވެ.

އެމެރިކާގެ ރިޔާސީ އިދާރާ (ވައިޓްހައުސް) އިންވެސް ދިޔައީ އިންޑިއާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ކަން ފާޅުކޮށް، އެކަމާ ހިތާމަ ކުރާކަން ހާމަ ކުރަމުންނެވެ.

އެ މޭރުމުން ކަން ހިނގަމުން ދަނިކޮށް، ހުޅަނގުގެ ރާގު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ބައްދަލު ކުރެއްވިއެވެ. އިވެމުން ދިޔައީ ޑިޕްލޮމެޓިކް ގުޅުންތައް މެކުހަށް ޖަހާ އަޑެވެ. ދޭދޭ ފެންވަރުގައި ހިއްސާ ކުރާ މާނަ ފުން ގުޅުންތަކުގެ ވާހަކައެވެ. މާ ގިނަ ދުވަހެއް ނުވެ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގަތެވެ. ވިޔަފާރީގެ ބަދަހި ގުޅުންތަކުގެ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (މ) އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިން ޖޯންސަން (ވ)، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާއެކު ކޮޕް26ގެ ބައްދަލުވުމުގައި/ ފޮޓޯ: އިންޑިއާ ޓިވީ ނިއުސް

މި ހުރިހާ ކަމެއް ހިނގާ ދާ އިރުވެސް އިންޑިއާއިން ޔޫކްރައިންއާ މެދު ގެންގުޅޭ ރާގަށް ބަދަލެއް އައި ކަމަކަށް ފާހަގައެއް ނުވެއެވެ. އިންޑިއާއިން ދަނީ ރަޝިއާ އަތުން ހެޔޮ އަގުގައި ތެޔޮ ގަންނަ މުންނެވެ. މިހިނގާ 2022 ވަނަ އަހަރުން ފާއިތުވެ މި ދިޔަ މަދު މަސްކޮޅުގެ ތެރޭގައި އެކަނިވެސް، 2021 ވަނަ އަހަރުގެ ތެރޭގައި ގަތް މިންވަރަށް ތެޔޮ ގަނެފިއެވެ. އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް، އޭޕްރިލް 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ވޯޓުގައިވެސް އިންޑިއާއިން ބައިވެރިވެފައެއް ނުވެއެވެ.

އެނަލިސްޓުން ބުނާ ގޮތުގައި އިންޑިއާއިން ހުޅަނގަށް ނަގާ ދިނީ، ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ އެންމެ މަތީ ފަންތީގެ ފިލާވަޅެކެވެ.

ޗައިނާގެ މުށު ތެރެއަށް ދުނިޔެ ލަމުން ދާ ދިއުމާ ކުރިމަތިލުމަށް، އިންޑިއާއަކީ އެމެރިކާއަށް މުހިންމު އަސާސެކެވެ. އެމެރިކާއިން ދެކޭ ގޮތުގައި ދުނިޔޭގެ ސުލްހައަށް، ރަޝިއާއަށް ވުރެ ޗައިނާގެ ނުރައްކާ މާ ބޮޑެވެ. ނަތީޖާއަކަށް ވީ، އިންޑިއާއިން ކޮންމެ ގޮތަކަށް ޑިޕްލޮމަސީގެ ކުޅިގަނޑު ކުޅެމުން ދާ އިރުވެސް ހިމޭނުން އޮތުމަށް ހުޅަނގަށް މަޖުބޫރުވުމެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން / ފޮޓޯ: ޔޫއެސްއޭ ޓުޑޭ

ނުވަތަ ކިންގް ކޮލެޖް ލަންޑަންގެ އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮފެސާ ހަރްޝް ވީ ޕާންޓް ވިދާޅުވި ފަދައިން، "ރުއްސަން ޖެހޭ އާ ބައިވެރިއަކަށް" އިންޑިއާ ހަދަން ޖެހޭ ކަން އެމެރިކާއިން ފަހުމް ވީއެވެ.

އެމެރިކާއަށް އިންޑިއާ މުހިންމު ވަނީ ކީއްވެ؟

ޗައިނާއިން އަސްކަރީ ބާރުވެރިކަން ގަދަ ކުރަމުން ދާ ވަރަކަށް އެންމެ ބޮޑު ނުތަނަވަސް ކަމެއް ވެރިވަނީ އެމެރިކާއާއި އިންޑިއާގެ ސަރުކާރުތަކަށެވެ. އެއްގަމާއި ކަނޑުމަގުން ސަރަހައްދީ އިމުގެ މިލްކުވެރިކަން ފުޅާ ކުރުމާއި، ސަރަހައްދީ އަވަށްޓެރިންގެ މައްޗަށް ޗައިނާއިން ފޯރުވާ ނުފޫޒު ގަދަ ކުރުމަކީ، އިންޑިއާއާއި އެމެރިކާގެ ސަރުކާރަށް ހާސްކަން ގެނުވާ ކަންކަމެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގްގެ ޒައާމަތުގައި އެ ގައުމުގެ އަސްކަރިއްޔާއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ބޮޑު، ކަނޑުގެ އަސްކަރިއްޔާއެއް އޮތީ ޗައިނާގައެވެ. އެންމެ ޒަމާނީ، ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް އެބަހުއްޓެވެ. ނިއުކްލިއާ ހަތިޔާރު ގުދަން ދަނީ ބޮޑުވަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން / ފައިލް ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

ޗައިނާގެ މި ބާރުވެރިކަމާ ކުރިމަތިލުމަށް އެމެރިކާއިން ގެންގުޅޭ ޕްލޭންގައި، ޖަޕާނާއި އޮސްޓްރޭލިއާއާއެކު އިންޑިއާ ބައިވެރިވުމަށް އެމެރިކާއަށް އޮތީ ޒާތަކަށް މަޖުބޫރުވެފައެވެ. ކުއަޑްގެ ނަމުގައި މި ގައުމުތަކުން އޮޕަރޭޓް ކުރާ އިއްތިހާދުގެ މައިގަނޑު އަމާޒަކީވެސް ޗައިނާގެ ބާރު ގަދަވިޔަ ނުދިނުން ކަމުގައި ދެންނެވިދާނެއެވެ.

ކަން މިހެން އޮތް އިރު، އިންޑިއާއާއި ޗައިނާއާ ދެމެދުވެސް ދޭދޭ ނުތަނަވަސްކަން އެބަ އޮތެވެ. ފާއިތުވީ ދެތިން އަހަރެއްހާ ދުވަހަށް ބަލާއިރުވެސް ކުރިމަތިލުންތައް ހިންގާ، ދެ ގައުމުންވެސް ބައެއްގެ ފުރާނަ ގެއްލިއްޖެއެވެ. ސަރަހައްދީ އިމުގައި ޗައިނާއާ ކުރިމަތިލާ، ޗައިނާގެ ނުފޫޒުގެ މައްޗަށް ގަދަވުމަށް އިންޑިއާއިން ބަރޯސާވެފައި އޮތީ ރަޝިއާގެ އަސްކަރީ އާލާތްތަކުގެ މައްޗަށް ކަމީވެސް އާދައިގެ ކަމެއް ނޫނެވެ.

ރަޝިއާގެ މިސައިލް ސިސްޓަމެއް

ޗައިނާގެ ނުފޫޒާ މެދު އެމެރިކާއާއި އިންޑިއާގައި ކަންބޮޑުވުންތަކެއް ހުރި ކަން، ދާދި ފަހުން ބައިޑަންއާއި މޯދީއާއި ދެމެދު ކުރިއަށް ގެންދެވި ބައްދަލުވުމުންވެސް ހާމަވެއެވެ. އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ، ބައިނަލްއަގުވާމީ ނިޒާމުގެ ފަރުމާއަށް ބަދަލު ގެނައުމަށް ޗައިނާއިން މަސައްކަތް ކުރާ ކަމަށް އިންޒާރު ކުރައްވާފައެވެ. އަދި އަސްކަރީ އޮޕަރޭޝަންތައް ފުޅާ ކުރުމުގައި އިންޑިއާއާއި އެމެރިކާއިންވެސް އިތުރު ފުރުސަތުތަކެއް ހޯދާފައި ވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިކަމަކީ، ޔޫކްރައިންގެ މައްސަލާގައި ދޭދޭ ފިކުރު ތަފާތު ވި ކަމުގައި ވީ ނަމަވެސް، އެމެރިކާއާއި އިންޑިއާގެ ހައިސިއްޔަތު، އެއް ގައުމު އަނެއް ގައުމަށް ފުރިހަމަ ފަހުމް ވާ ކަމުގެ ނިޝާނެއް ކަމަށް، އިންޑިއާގެ ތަކްޝަޝީލާގެ ޗައިނާ ސްޓަޑީޒް ފެލޯ މަނޯޖް ކިވާލްރަމާނީ ވަނީ ވިދާޅުވެފައެވެ.

އައްޔާ އަޑަށްވުރެ 27 ގުނަ ބާރަށް ދަތުރުކުރާ ކަމަށް ބުނާ ރަޝިޔާގެ ހާއްސަ ނިއުކްލިއާ މިސައިލް ސިސްޓަމް/ފޮޓޯ: ރަޝީޔާ ޑިފެންސް މިނިސްޓްރީ

ޗައިނާއާ ދެކޮޅަށް އަޑު އުފުލޭ، އިންޑިއާއާ މެދު ހަނު

ބަޔާންވެދިޔަ ކަންކަމީ، ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ޗައިނާއަށް ފާޑުކިއުން އަމާޒު ކުރި ކަމުގައި ވީ ނަމަވެސް އިންޑިއާއާ މެދު އެމެރިކާ ސަރުކާރުން އެއްޗެއް ނުބުނެ އޮންނަ އެންމެ ބޮޑު އެއް ސަބަބެވެ.

ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމާގައި އިންޑިއާއާއި ޗައިނާ އޮތީ އެއްގަލަކަށް އެރިފައި ކަމަށްވެސް ބުނެވިދާނެއެވެ. ޗައިނާއާއި އިންޑިއާއިންވެސް ތަސްވީރު ކޮށްދެމުންދާ ކުރެހުން ބުނަނީ، އެއީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއް ކަމަށެވެ. ދެ ގައުމުންވެސް ވަނީ ސުލްހަގާއިމު ކުރުމަށް ގޮވާލާފައެވެ. ނަމަވެސް، ރަޝިއާއިން ހަނގުރާމަ ފެށި ފެށުން، އިންޑިއާ އަދި ޗައިނާއިންވެސް ސަރީހަ އިބާރާތުން ކުށްވެރި ކޮށްފައެއް ނުވެއެވެ.

އިންޑިއާއާއި ޗައިނާއަކީވެސް ރަޝިއާއާއެކު ރުޅާލަން ދަތި، ހައްސާސީ ގުޅުންތަކެއް ހިއްސާ ކުރަމުން ދާ 2 ގައުމެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ވ) އަދި އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން (ކ) ގެ ކުރީގެ ބައްދަލުވުމެއް / ފައިލް ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖީންޕިންގް މިދިޔަ ފެބުރުއަރީ މަހު ވަނީ، އެ 2 ގައުމުގެ ގުޅުމަކީ ހައްދެއް އޮތް ގުޅުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ކަން މިހެން އޮތް އިރު، އިންޑިއާގެ އަސްކަރިއްޔާއަށް ބޭނުން ވާ 50 ޕަސެންޓަށް ވުރެ ގިނަ އާލާތްތަކަކީ ރަޝިއާއިން އެތެރެ ކުރާ އެއްޗެއް ކަމަށް ބައެއް އަންދާޒާތަކުން ދައްކައެވެ.

މިއީ އަދި މުޅިއަކުން ތަސްވީރެއް ނޫނެވެ. ރަޝިއާއާއި ދެކޮޅަށް ހުޅަނގުން ތަންފީޒު ކުރާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާއިން ވާހަކަދެއްކިއެވެ. އަދި ހަނގުރާމައިގެ ސަބަބެއް ކަމުގައި އެމެރިކާއާއި ނޭޓޯ ވާ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ. މިއާ ހިލާފަށް އިންޑިއާއިން ވަނީ ނޭޓޯއަށް ފާޑު ކިއުމުން ހަވާސާ ވެފައެވެ. އަދި އެމެރިކާއާ މެދު އޮތް ތަފާތު ކުރުންތައްވެސް މެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: އޭއެންއައި

މޯދީ ވަނީ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީއާ ވާހަކަފުޅު ދައްކަވާފައެވެ. ޗައިނާގެ ލީޑަރުން އެފަދަ ކަމެއް ކުރެއްވި ކަމެއް އެނގޭކަށް ނެތެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ބަކާގައި ހިންގާފައި ވާ ޖަރީމާތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، އެކަމުގެ ތަހުގީގު ހިންގަން ގޮވާލާފައެވެ. ނަމަވެސް ޗައިނާ ސަފީރުގެ ވާހަކާގައި އެއްވެސް ފަރާތަކަށް އިލްޒާމު އަމާޒު ނުކުރައްވައެވެ. ރަޝިއާއިން ކުރަމުން ދާ ހަނގުރާމާގައި އާންމުން މަރަމުންދާ ދިއުން އިންޑިއާއިން ކުށްވެރި ކުރާ ކަމަށާ، ޔޫކްރައިންއާށް އިންސާނީ އެހީ ބޭނުން ވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފައެވެ.

ހައިޖާނު ބޮޑު ގުޅުމެއް

ތާރީހަށް ބަލާއިރު އިންޑިއާއާއި ރަޝިއާއާ ދެމެދު އޮތް ގުޅުމަކީ ހުޅަނގާ ތަފާތު ގުޅުމެއް ކަން އެމެރިކާއިން ގަބޫލު ކުރާ ފަދައެވެ. ބްލިންކަން ވަނީ، ރަޝިއާއާއި އިންޑިއާގެ ގުޅުމަކީ، އިންޑިއާގެ ބައިވެރިއަކަށް އެމެރިކާއަށް ނުވެވި އޮތް ދުވަސްވަރު ބަދަހިވި ގުޅުމެއް ކަން ފާހަގަ ކުރައްވާފައެވެ.

އެއީ ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިއާ) އާއި އެމެރިކާއާ ދެމެދު ކުރި ފިނި ހަނގުރާމައިގެ ދުވަސްވަރަށް ބްލިންކަން ކުރެއްވި އިޝާރާތެއް ކަމަށް ބެލެވެއެވެ. އެ ދުވަސްވަރު އިންޑިއާ ރަސްމީ ސިފައެއްގައި އޮތީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައެވެ. ނަމަވެސް 1970ގެ އަހަރުތަކުގައި އިންޑިއާއިން ވަނީ ރަޝިއާ ކޮޅަށް ބުރަވާން ފަށާފައެވެ. އިންޑިއާގެ ޒަމާންވީ ހަތުރުވެރި ޕާކިސްތާނަށް، އަސްކަރީ އަދި މާލީ ގޮތުން އެމެރިކާގެ އެހީ ފޯރުކޮށްދޭން ފެށި ހިސާބުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: އޭއެންއައި

ދުވަސްވަރަކީ ރަޝިއާއިން އިންޑިއާއަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދެމުން ދިޔަ ދުވަސްވަރެވެ. އަދާ ޖެހުނު އިރުވެސް އަސްކަރީ ހަތިޔާރުގެ މުއްސަނދިކަމަށް، އިންޑިއާއިން ބަރޯސާވަނީ ރަޝިއާގެ މައްޗަށެވެ.

ޔޫކްރައިންގައި ރަޝިއާއިން ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކޮށް ޗުއްޕު ބުނުމަށްވެސް އިންޑިއާއަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީވެސް މިއީއެވެ.

ކަން މިހެން އޮތް އިރު، އިންޑިއާ އޮތީ، ހުރިހާ ފަރާތަކުންވެސް ރުއްސާ ބައިވެރިއެއްގެ ގޮތުގައެވެ. ބަލާ ބެލުމަށް، "ވަކި ފަރާތަކަށް ނުޖެހުމުގެ" ކުޅި ބައި، އިންޑިއާ ކިތަންމެ ރަނގަޅަކަށްވެސް އެ ދަނީ ކުޅެމުންނެވެ. ރަޝިއާއާއި ގުޅުން ބާއްވަމުން، އެމެރިކާގެ "ގާތް އެކުވެރިއަކަށް" އިންޑިއާއަށް ވެވެނީވެސް މި ސަބަބާ ހެދި ކަމަށް ވެދާނެއެވެ.