މި ވަގުތު ޕާކިސްތާން އޮތީ އާންމު ހާލަތުގައި ކަމަށާއި، ހާލަތު ގޯސްވާ ނަމަ އެ ގައުމުގައި ތިބި ދިވެހީންނަށް އެހީތެރިކަން ދޭނެ ކަމަށް، ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން، ޕާކިސްތާނަށް ކިޔަވަން ގޮސް ތިބި ދިވެހި ދަރިވަރުން އަނބުރާ ގެނައުމަށް އެދި އާއިލާތަކުން ގެންދަނީ ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލު، މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބަލަމުންދާ ކަމަށާއި، ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ވަގުތު ޕާކިސްތާނު އާންމު ހާލަތުގައި މަސައްކަތްކުރަމުންދާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މައުލޫމާތު ދިން ނަމަވެސް، ފޮރިން މިނިސްޓްރީން ބުނީ، ޕާކިސްތާނުގެ ހާލަތު އިތުރަށް ގޯސްވާ ނަމަ އެ ގައުމުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެއާއެކު މިނިސްޓްރީން ވަނީ، ޕާކިސްތާނުގައި ދިވެހީންނަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށާއި (923008504143+) މިނިސްޓްރީ އަށް (7983400) ގުޅުމަށް އެދިފައެވެ.