ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ސްކޫލް ބަންދު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލީ ކައުންސިލްގެ މެންބަރު ހަބީބު ހަސަން ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ ދާންދޫން އެރަށަށް ތައުލީމު ހާސިލް ކުރަން ދިޔަ ގްރޭޑް 12ގެ ދަރިވަރެއް ކަމަށެވެ.

އެކުއްޖާ ޕޮޒިޓިވް ވެފައި ވަނީ ދެއްވަދޫ ކޭސް އާ ގުޅިގެން ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެކުއްޖާ އަކީ ދާންދޫ ކުއްޖެއް ކަމަށާއި ދެއްވަދޫ ކަރަންޓީނަށް ލުމުގެ ކުރިން އެކުއްޖާ ދާންދޫގައި އުޅުނު ގޭގައި ދެއްވަދޫން އައި ބަޔަކު ދިރިއުޅު ކަމަށެވެ. އަދި އެމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޗުއްޓީ ނިމުމަށް ފަހު އެކުއްޖާ މިމަހު 10 ވަނަ ދުވަހު ވިލިނގިލީ ސުކޫލަށް ގޮސްފައި ވާއިރު އެކުއްޖާ ގިނަ ދަރިވަރުންނާ ކޮންޓެކްޓް ވެފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

މި ކޭސް އާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މި ކޭސް އާ ގުޅިގެން ވިލިނގިލި މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.