އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ސިއްހީ ނިޒާމުގެ ހާލަތު ދަށްވާހަކަ އަކީ އަބަދުވެސް ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް އަދި ކަންބޮޑުވުމަކަށް ވެފައި ވާކަމެކެވެ. މުޅި ނިޒާމު ބައްޓަން ކޮށްފައި ވަނީ ކުދި ކުދި ކަންކަމުގައި ވެސް ދަތުރެއް ކޮށްފައި އަތޮޅު ހޮސްޕިޓަލަށް ނުވަތަ ސަރަހައްދީ ހޮސްޕިޓަލަށް އަދި އެއިން ތަނަކުން ވާން ނެތިގެން މާލެ އަންނަން ޖެހޭ ގޮތަށެވެ. ނުވަތަ ބޮޑު ހަރަދެއް ކުރުމަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ގޮތަކަށެވެ. ބަލިމީހާ އުފުލާނެ އެމްބިއުލާންސް 'ހަމައަށް ނެތް' ތަނުގައި ބޭހެއް ނުލިބޭ ކިތަންމެ ރަށެއް މިހާރު ވެސް އެބަ ހުއްޓެވެ. މިއީ ކުރު ރާސްތާ ޕްލޭނެއްގެ ދަށުން ހައްލުކުރަންޖެހޭ ކަންކަމެވެ. މިއީ އެތައް ބައެއްގެ، އެތައް ސަރުކާރެއްގެ، އެތައް ސިޔާސަތެއްގެ އިހުމާލެވެ.

މާލެ ސަރަހައްދުގައި އެކަށީގެންވާ ވަސީލަތްތަކެއް ސަރުކާރުތަކުން ގާއިމުކޮށްފައި ވެއެވެ. އެ ގޮތުން ނިމިދިޔަ ސަރުކާރުގެ ތެރޭގައި މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުން ފެށި ސްޕަސްޕެސަލިޓީ ބައެއް ހިދުމަތްތަކާއި އިމާރާތްކޮށް ނިންމައި މި ސަރުކާރުން ހިދުމަތް ފެށި ދަރުމަވަންތަ ހޮސްޕިޓަލް ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން އަމިއްލަ ފަރާތަކުން ގާއިމުކުރި ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް އަލަށް އިތުރު ކުރި ހިދުމަތްތަކާ އެކު ގިނަ ހިދުމަތްތަކެއް މާލޭ ސަރަހައްދުގައި މިހާރު ދެމުން އާދެއެވެ. ނަމަވެސް ފަހަކާ ޖެހެންދެން މި ފޯކަސް އޮތީ ހަމައެކަނި މާލޭ ސަރަހައްދަށެވެ.

އަތޮޅުތަކުގެ ސިއްހީ ނިޒާމުގެ ބަލިކަށިކަން މިހާ ބޮޑަށް އިހްސާސް ކުރެވިގެން ގޮސްފައި މި ވަނީ ސިއްހީ ކާރިސާއެއް މެދުވެރިވުމުންނެވެ. ކޮވިޑްގެ ހާލަތު ރާއްޖެ އަށް ކުރިމަތިވި އިރު ރާއްޖެ އޮތީ އެފަދަ ކާރިސާއަކަށް އެއްވެސް މިންވަރަކަށް ތައްޔާރު ވެފައެއް ނޫނެވެ. ވަކި ވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ނަސީބެކޭ ބުނެވިދާނެއެވެ. އެހެން ނޫން ނަމަ އޭރު ރާއްޖޭގެ ސިއްހީ ހާލަތު އޮތް ގޮތުން އެއްފަސްގަނޑެއްގައި އޮތް ނަމަ މުޅި ގައުމު ކޮވިޑްގެ ތެރޭގައި ހަލާކުވެ ދިޔައީހެވެ. ކަރަންޓީން ކުރެވޭނެ ގޮތްތަކެއް އޭރަކު ނެތެވެ. ވެންޓިލޭޓަރެއްހާ ހިސާބު ވެސް ހުރީ މަދު ރަށެއްގައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އެހާ ބޮޑެވެ.

ކޮވިޑް ސާމްޕަލް ނެގުމުގައި ނަރުހުންތަކެއް ހަރަކާތްތެރި ވަނީ

މާލެ ފުރަބަންދު ކުރުމާއެކު ފަރުވާ ނުލިބި އެތައް ބަޔަކު މަރުވި!

ކޮވިޑުގެ ކޭސްތައް ފެނުމާއެކު މާލެ ފުރަބަންދު ކުރުމުން ތަފާތު އެތައް ބަލިތަކަކަށް ފަރުވާ ހޯދުމަށް މާލެ ދާންޖެހޭ މީހުންނަށް ވެގެން ދިޔައީ ބޮޑު ތަކުލީފަކަށެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަވެސް ސަލާމަތް ނުކުރެވި ދުނިޔެއާ އަލްވަދާއު ކިޔާފައި އެބަހުއްޓެވެ.

އެގޮތުން އއ. ތޮއްޑޫގައި އަށް މަހުގެ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވީ ފަރުވާ ލިބުން ލަސްވެގެންނެވެ. ރަށުގެ ސިއްހީ މަރުކަޒުން ސްކޭން ކުރެވޭނެ ގޮތެއް ނެތުމުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ގަދަ މޫސުމުގައި އެންމެ ފަސޭހައިން ދެވެން އޮތީ އެ އަތޮޅު ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށެވެ. އެކަމަކު ފަރުވާ ލިބުމުގެ ކުރިން، ދަރިފުޅު މަރުވީ އެވެ. ފަރުވާ ދޭން ދެކޮޅުހެދި ކަމަށް ބުނެ އާއިލާއިން އެކަމުގެ ތުހުމަތު އަތޮޅު ހޮސްޕިޓަލުގެ ބޮލުގައި އެޅުވި އެވެ. އެކަމަކު ހޮސްޕިޓަލުގެ ޖަވާބަކަށް ވީ ދުވަސް ނުފުރާ ވިހާއިރު، ތުއްތު ކުއްޖާ ބޭއްވުމަށް އެތަނުގައި ނާސަރީއެއް ވެސް ނެތް ކަމެވެ. އެހެންވެ، ރިސްކު ނުނަގަން ވެގެން އަދި އެންމެ އަވަހަށް ފަރުވާ ލިބެން އޮތީ މާލެ ފޮނުވާލައިގެން ކަމުން ހޮސްޕިޓަލުން އެކަމާ ހަވާލުނުވީ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ ނާދެވި، ފަރުވާ ލިބުން ލަސްވެގެން ތޮއްޑޫގެ އިތުރުން، ށ. ނަރުދު އާއި ދ. ކުޑަހުވަދޫގައި ވެސް ތުއްތު ހަތަރު ކުދިން ވަނީ މަރުވެފަ އެވެ. ހަމައެކަނި މި ހާދިސާތަކުން ވެސް، ރަށްރަށުގެ ސިއްހީ ހާލަތު މިހާރު ވަޒަން ކޮށްލެވޭނެ އެވެ.

މީގެއިތުރުން 2017 ވަނަ އަހަރު ފެބުރުއަރީ މަހުގެ ތެރޭގައި ށ ފޭދޫން ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ކަރުގައި ރުފިޔާއެއް ތާށިވެ އެ ނުނެގިގެން އެ އާއިލާއިން އުފުލަން ޖެހުން ބޮޑު ތަކުލީފަށް ވިސްނާލުމުން ވެސް މިކަން ޔަގީންވެގެން ދާނެއެވެ. ށ އަތޮޅުން ނުވެގެން އުތުރުގެ ސަރަހައްދީ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލުންވެސް އެ ފައިސާ ނެނގޭނެ ގޮތެއް ނުވެގެން އެންމެ ފަހުން ފައިސާ ނެގުނީ އައިޖީއެމްޗުންނެވެ. އައިޖީއެމްއެޗުން އެ ފައިސާ ނަގަން ފަސް މިނެޓްވެސް ނުނެގި އެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ކުޑަ މިސާލެކެވެ. މިފަދަ އެތަކެއް ވާހަކައެއް ހިއްސާކުރެވިދާނެއެވެ.

ހިތާމައަކީ އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލް ތަކުންވެސް ފަރުވާ ހޯދުމަށް ތިބޭ މީހުންގެ ކިއު ބޮޑުވެ، ސްކޭނެއް ނަގަން ޖެހުނުކަމުގައި ވީނަމަވެސް އެކަން ވެސް ކުރެވެނީ ނަން ނޯޓުކުރާތާ އެތައް ދުވަހެއް ފަހުންނެވެ. ނޫންނަމަ ޖެހެނީ ކޮންމެވެސް ކުލިނިކަކަށް ގޮސް އެތައް ފައިސާ އެއް ދެއްކުމަށް ފަހު އެ ސްކޭން ހަދާށެވެ. މިއީ އެންމެންނަށް ކުރެވޭނެ ވަރުގެ ކަންކަމެއް ނޫނެވެ.

މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ހުރި ސީޓީ ސްކޭން ސިސްޓަމެއް

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ގަބޫލުކުރައްވާ ގޮތުގައި އެކަށީގެންވާ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމު ކޮށްފައިވާ ނަމަ ކިތަންމެ ބޮޑު ކޭހަކާ ވެސް އެ ހޮސްޕިޓަލްތަކަށް ކުރިމަތިލެވޭނެ އެވެ. އެހެންވެ، މިއީ މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ވެސް ހިދުމަތްތައް ފުޅާކުރަންވީ ވަގުތު ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ސަބަބަކީ އޯވަރީގައި އިން 11 ސެންޓިމީޓަރުގެ ސިސްޓެއް ނަގައިގެން ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައެވެ. މިއީ ހާލަތު ބަދަލު ނުވާ ނަމަ، މާލެއަށް ފޮނުވާލާނެ ކޭހެކެވެ. އެކަމަކު ޑޮކްޓަރުން ޔަގީންކޮށް ދިނީ އެ އޮޕަރޭޝަން އެތަނުގައި ވެސް ކުރެވިދާނެ ކަމެވެ. ބޭނުންވަނީ އެކަށީގެންވާ ވަސީލަތްތަކެވެ.

ކޮވިޑާ ގުޅިގެން އަޅުގަނޑުމެންނަށް އިތުރު ލާނިން ޕޮއިންޓްތަކެއް ލިބިއްޖެ. އަތޮޅު ތެރޭގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކުރަން ޖެހިފައިވާކަން އެނގިއްޖެ،
އަހުމަދު ދާއޫދު

ދާއޫދު ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވީ، ރަށްރަށުގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އޭނާގެ އުއްމީދަކީ މިކަމުން އިބުރަތް ލިބިގަނެ ބަލިމަޑުކަމަށް ފަހު ވެސް މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.

ސިއްހީދާއިރާ ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް

ނެޝަނަލް ހެލްތު ލެބޯޓްރީ އާއި އަތޮޅުތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އާއެކު 18.4 މިލިއަން ޔޫރޯގެ ކޮންސެޝަނަލް ލޯނުގެ އެއްބަސްވުމުގައި، ފިނޭންސް މިނިސްޓްރީން ސޮއި ކޮށްފައިވާއިރު ރާއްޖޭގެ ރަށްތަކުގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތަކާއި އެކު، ސިއްހީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް ސޯލިޙް ވަނީ ވިދާޅުވެފައެވެ.

އީއައިބީން ބުނީ، މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ގައުމީ ސިއްހީ ހިދުމަތުގެ ނިޒާމު ލާމަރުކަޒީކޮށް، ޕެންޑެމިކްތައް ކޮންޓްރޯލް ކުރުމަށް ލޯކަލް ހޮސްޕިޓަލްތަކުން ކުރަމުންދާ މަސައްކަތްތަކަށް މަގުފަހިވެ، ގައިން ގަޔަށް އަރާ ބަލިތައް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން، ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވޯޑުތައް ހިމެނޭ ސަރަހައްދީ އަތޮޅު ހޮސްޕިޓަލްތަކުގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރަށް މަގުފަހިވެގެންދާނެ ކަމަށް އީއައިބީން ބުނެއެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސިއްހީ ގޮތުން ތަރައްގީ ކުރަންޖެހޭ 7 އަތޮޅެއްގެ ހޮސްޕިޓަލްތައް ގާއިމު ކުރެވިފައިވާ ކަމަށެވެ. މިވަގުތު ހިދުމަތް ދެމުން ދާ ޓާޝަރީ ހޮސްޕިޓަލްތަކުގައި ސީޓީ އަދި އަލްޓްރާ ސައުންޑް ލެބޯޓްރީގެ ހިދުމަތް ލިބެމުން ދާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ހދ. ކުޅުދުއްފުށި އާއި، ލ. ގަން އަދި ގދ. ތިނަދޫގައި 100 އެނދުގެ ހޮސްޕިޓަލްތަކުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ހިންގާނެކަމާއި މީގެ އިތުރުން 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު އަދި 12 ރަށެއްގައި 30 އެނދުގެ މަސައްކަތް ފެށިގެން ކުރިޔަށް ދާނެކަންވެސް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންތަކެއް / ފޮޓޯ: އައިޖީއެމްއެޗް

ސިއްހީ ނިޒާމު ތަރައްގީކުރުމަށް މާލެއަށް މި އޮތް ފޯކަސް އަތޮޅުތެރޭގެ ރަށްރަށަށްވެސް ދީ ސިއްހީ ނިޒާމު އަތޮޅުތަކުގައި ވެސް މިވަނީ ރަނގަޅުކުރަން މަޖުބޫރު ވެފައެވެ. އަތޮޅުތެރޭގެ ސިއްހީ ނިޒާމުގެ ހެޔޮ ބަދަލަކަށް ރައްޔިތުން މިތިބީ ފެންބޮވައިގެންފައެވެ.