މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ނިމުން ގެނައުމަކީ އިންސާނިއްޔަތަށް ކުރިމަތިލާން ޖެހިފައިވާ ވަރުގަދަ ރޭހެއް ކަމަށާ، ހިތް ނޭދުނު ކަމުގައި ވީ ނަމަވެސް، މި ރޭހުގައި މޮޅުވިއަސް ނުވަތަ ބަލިވިއަސް ވާނީ އެންމެން އެކީގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ މެދުވެރި ކުރައްވާ، އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޑރ ޓެޑްރޯޒް ވިދާޅުވީ، ވަކި ގައުމުތަކަކުން ވެކްސިނަށް އަތްގަދަ ކުރަމުން ދިއުމަކީ އެންމެނަށްވެސް ދެވޭ އަނިޔާއެއް ކަމަށާއި އެއީ އަމިއްލަ ނަފުސަށްވެސް ދެވޭ ގެއްލުމެއް ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒު ކޮވިޑް-19ގެ ވެކްސިން ޖައްސަވަނީ / ފޮޓޯ: ފްރާންސް24

ނަމަވެސް، މިކަމުގެ އަނެއް ކޮޅަށް ބަލާއިރު ވެކްސިނަކީ ފުރާނަ ސަލާމަތް ކޮށްދެނިވި ކަމެއް ކަމަށާއި، މިއީ ސިއްހީ ނިޒާމަށް ހަމަޖެހުން ގެނުވާ، ދުނިޔޭގެ ފެންވަރުގައި އިގުތިސޯދީ ހީނަރުކަމުން އަރައިގަނެވި، ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް މަގުފަހި ކުރަނިވި ކަމެއް ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ވެކްސިނެއް ލިބުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ، ވައިރަސް މިއުޓޭޓް ވުން ނުވަތަ ބަދަލުވެ، ބާރުގަދަ ވަމުން ދިއުމަށް އޮތް ފުރުސަތު ހަނި ކުރެވިގެން ދާ ދިއުން ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އިސްރާއީލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކޮވިޑް-19ގެ ދެވަނަ ވެކްސިން ޑޯޒްއަށް ތައްޔާރުވެވަޑައިގެން / ފޮޓޯ: ސީއެންއެން

މިމޭރުމުން މެސެޖު ކުރިއަށް ގެންދަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ވެކްސިން އުފައްދާ ފަރާތްތަކުން ސަޕްލައިއަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާ، ޑަބްލިއުއެޗްއޯއިން ގާއިމު ކޮށްފައިވާ "ކޮވެކްސް ފެސިލިޓީ" މެދުވެރިކޮށް ވެކްސިން ފޯރުކޮށްދެމުން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބައިނަލްއަގުވާމީ ވެކްސިން ސަޕްލައި ކޮންޓްރޯލް ކުރަމުން އަންނަ ފަރާތްތަކާއި، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވެކްސިން ގަންނަމުންދާ ގައުމުތަކަށްވެސް ޑރ ޓެޑްރޯޒް ވަނީ ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އެ ގޮތުން ވެކްސިން ހަދިޔާ ކުރުމަށާ، މިހާރުން މިހާރަށް އެ ސަޕްލައި، ކޮވެކްސް ފެސިލިޓީއަށް ފޯރުކޮށްދިނުމަށް ޑރ ޓެޑްރޯޒް ވަނީ ގޮވާލައްވާފައެވެ. ކޮވެކްސް ފެސިލިޓީ މިހާރުވެސް އޮތީ، މިއަދުން މިއަދަށް ވެކްސިން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަން ޑރ ޓެޑްރޯޒް ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކޮވިޑް-19) ވެކްސިން ޖެއްސެވުމުގެ މަރުހަލާގެ ތެރޭގައި / ފޮޓޯ: ޓްވިޓާ

ވަކި ގައުމަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށާ، އެއް ބަޔަކަށް ވެކްސިން ނުލިބިގެން އުޅޭއިރު އާބާދީގެ އެންމެނަށް ވެކްސިން ފޯރުކޮށްދިނުމަށް، ވެކްސިންގެ ކިއު ފަޅާލުމުގެ ފުރުސަތެއް އެއްވެސް ގައުމަކަށް ނެތް ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ސައެންސް، އޭގެ ބަސް އިއްވައިފި ކަމަށާ، ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އޮތް ފުރުސަތު ނަގާ ނުލުމަށްވެސް ޑރ ޓެޑްރޯޒްގެ މެސެޖުގައި ވަނީ ގޮވާލައްވާފައެވެ. އަދި އިގުތިސޯދީ ހީނަރު ކަމުން އަރައިގަތުމަށް ހުރިހާ ގައުމަކަށްވެސް އިންސާފުވެރި ފުރުސަތުތަކެއް ކަށަވަރު ކޮށްދިނުމަށް ޑރ ޓެޑްރޯޒް ވަނީ ގޮވާލައްވާފައެވެ.