ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވާލަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ އެހީތެރިކަމާއެކު ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ނިންމަވާފައެވެ. އެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު، ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓާ ޕްލޭންއާ ގުޅޭގޮތުން ބޭއްވި "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ނާޒިމް ވިދާޅުވީ މި މާސްޓާ ޕްލޭން އެކުލަވާލުމުގެ ބޭނުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުންކަމަށެވެ.

މި މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅުން ހުރި މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމް ރާއްޖެ އައިނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓާ ޕްލޭން އެކުލަވާލުމަކީ ރައްޔިތުންނާއި ގުޅުންހުރި ކަމަކަށްވުމުން ދިވެހި ރައްޔިތުންގެ ބައިވެރިވުން މިކަމުގައި އޮތުމަކީ ސަރުކާރުން ބޭނުންވާކަމެއްކަމަށެވެ. މިފަދަ މަސައްކަތެއް ކުރިއަށް ދާއިރު ގިނަ ގޮންޖެހުންތަކާއި ދިމާވާނެކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ޕްލޭނެއް އެކުލަވާލުމުން ގޮންޖެހުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެން ދާނެކަމަށެވެ.

އިތުރަށް ނާޒިމް ވިދާޅުވީ ދުންފަތާ މުޖުތަމައު ދުރުހެލި ކުރެވިއްޖެނަމަ ސިއްހީ ކަންކަމަށް ކުރަންޖެހޭ ފަރުވާގެ ހަރަދު ކުޑަވެ، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ތައުލީމާއި އެހެނިހެން ކަންކަމަށް ހަރަދު ކުރެވޭނެކަމަށެވެ.