ދުންފަތް ކޮންޓްރޯލް ކުރަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އެމަނިކުފާނަށް ހާއްސަ އެވޯޑެއް ލިބިވަޑައިގެންފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ޑަބްލިއުއެޗްއޯއިން ދަނީ ކޮންމެ އަހަރެއްގައި ވެސް ދުނިޔޭގެ ހަ ސަރަހައްދުގެ ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކުން ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކުރަމުންނެވެ. އެގޮތުގެ މަތިން ޑަބްލިއުއެޗްއޯއިން ވަނީ މި އަހަރު ދުނިޔޭގެ އެކި ގައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފައެވެ.

ރައީސަށް ލިބިވަޑައިގެންނެވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓާ ޖެނެރަލްގެ ހާއްސަ އެވޯޑެވެ. މިއީ އެހެން އެވޯޑުތަކާ ހިލާފަށް ހާއްސަ އެވޯޑެކެވެ. ރައީސްގެ އިތުރުން ދެން މި އެވޯޑު ލިބިވަޑައިގެންފައި ވަނީ މޮރިޝަސްގެ ހެލްތު މިނިސްޓްރީއަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު ވަނީ ފާހަގަކޮށްލެވޭ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ.

އަދި ހަމައެހެންމެ 2007 ވަނަ އަހަރާއި އެ އަހަރުގެ ފަހުން އުފަންވާ ފަރާތްތަކަށް ދުންފަތް މަނާކުރުމަށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ވެސް ވަނީ އިސްލާހުކޮށްފައެވެ.

މީގެ އިތުރުން ދުންފަތުގެ ބާވަތްތައް ގަންނަ މީހާ އަށް 21 އަހަރު ފުރިފައިވާކަން ޔަގީންކުރުމަކީ އެފަދަ ބާވަތެއް ވިއްކާ ފަރާތުގެ ޒިންމާއެއް ކަމާއި، އެފަދަ ބާވަތެއް ގަންނަނީ 21 އަހަރުން ދަށުގެ މީހެއް ނުވަތަ ކުއްޖެއް ކަމަށް ބެލެވޭނަމަ އުމުރު ޔަގީންކުރުމަށްޓަކައި އައިޑީކާޑު ނުވަތަ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް ވިޔަފާރިތަކުން އަންގަން ޖެހޭނެ ކަމަށް އޭރު ގެނައި އިސްލާހުގައި ވެއެވެ.

މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވަނީ މަރުހަބާ ކިޔާ، "ޖެހިލުން ކުޑަ" ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.