ކެންސަރު ބައްޔަށް ބޭނުންކުރާ ބޭހެއްގެ ސައްހަ ނޫން ބެޗުތަކެއް ދައުރުވަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން ބުނީ، ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެއް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާއި ތުރުކީގައި ދައުރު ވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން އިންޒާރު ދީފައިވާ ކަމަށެެވެ.
މި އިންޒާރާއި ގުޅިގެން ކުރި ތަހުގީގުތަކުން، މިބޭހުގެ ފޯލްސިފައިޑް އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
ނަމަވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް އިމްޕޯޓްކުރާ ބޭސް ޕޯޓުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 މެދުވެރިކޮށް މައުލޫމާތު ސާފު ކުރުމަށް އެ އޮތޯރިޓީން އެދެއެވެ.