އިދިކޮޅު ޕީޕީއެމް ޕީއެންސީން ޖެންޑާ މިނިސްޓްރީ ހުންނަ ސަރަހައްދުގައި އިއްޔެ ކުރި އިހުތިޖާޖުން ހައްޔަރު ކުރި 5 މީހުން ދޫކޮށްލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްއިން އިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި 5 މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ދޫކޮށްލާފައި ވަނީ ރޭގެ 12 ގެ ފަހުންނެވެ.

އެއިހުތިޖާޖުގެ ތެރެއިން 5 މީހުން ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖަކީ އޮކްޓޯބަރު 19ގައި ޖެންޑާ މިނިސްޓަރާ ބައްދަލު ކުރުމަށް އެދި، ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީއާއި ރޭޕާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ނުލިބޭތީ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅު އިހުތިޖާޖުން އިއްޔެ 5 މީހަކު ހައްޔަރު ކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓު ކުރިމަތީގައި އިހުތިޖާޖު ކޮށްގެން ވެސް ވަނީ 6 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކު އެ ދުވަހު ދޫކޮށްލާފައި ވައިރު، ދެން ތިބި 5 މީހުން ދޫކޮށްލީ ޖެހިގެން އައި ދުވަހެވެ.