އީރާންގެ ދައުލަތުގެ ޓީވީން ލައިވް ފީޑެއް ހުށަހަޅަމުން ދިޔަ ވަގުތުގައި އިޒްރޭލުން އެ އެ ސްޓޭޝަންއަށް ހަމަލާ ދިނުމުން ވެސް އަނެއްކާ ވެސް އެ ޓީވީ ލައިވް ކުރަން ފަށައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން އީރާންގެ ޓީވީ ސްޓޭޝަން އިން ލައިވްކޮށް ހަބަރު ގެނެސްދެމުން ދިޔައީ ނިއުސް އެންކަރު ސާހަރް އިމާމީއެވެ. އެ ލައިވް ފީޑް ކުރިއަށް ގޮސްގޮސް ހުއްޓާ ބާރު އަޑުފައްގަނޑަކާއެކު އެތަނަށް ލޮޅުން އަރައިގެން ދެއެވެ. އަދި ފަހަތުގައި ވާ ސްކްރީންގެ ޑިސްޕްލޭ ކެނޑި މަތިން ގާކުނޑި ޒާތުގެ އެއްޗެހިތަކެއް ފައިބާ މަންޒަރު ފެނެއެވެ. އެ ވަގުތު ޕްރޮގްރާމް ހުށަހަޅައި ދެމުން ދިޔަ ނޫސްވެރިޔާ އެތަނުން ދުރަށް ދާ މަންޒަރު ވެސް ފެނެއެވެ.

ނަމަވެސް މިހާރު އަނެއްކާ ވެސް އެ ސްޓޭޝަނުން މި ވަނީ ލައިވް ކުރަން ފަށާފައެވެ. ލައިވް ކުރަމުން ދަނީ އެ ސްޓޭޝަން ހުރި އިމާރާތުގެ ބޭރުންނެވެ. މި ވަގުތު ލައިވް ހުށަހަޅަމުން އަންނަނީ ފިރިހެން އެކަރެކެވެ. އޭނާގެ ފަހަތުން ރޯވެ އަނދަމުންދާ އެ ޓީވީ ސްޓޭޝަން ހުރި އިމާރާތް ދައްކަމުން އެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު އަންނަނީ ހިއްސާ ކުރަމުންނެވެ.

އީރާނުގެ ރަސްމީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ވެރިރަށް ތެހެރާނަށް އެންމެ ފަހުން ދިން މިސައިލް ހަމަލާތަކުގައި އިޒްރޭލުން ވަނީ އެ ސްޓޭޝަންއަށް އަމާޒުކޮށްފައެވެ. މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފު ނުވި ނަމަވެސް އެ އިމާރާތުގައި ވަނީ ވަރަަށް ބޮޑަށް ހުޅު ހިފާފައެވެ.

ހަތަރު ފަންގިފިލާގެ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 300 އެއްހާ މީހުން މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބެއެވެ. އީރާންގެ ދައުލަތުގެ ޓީވީ ހިންގަނީ އެ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ.

އިޒްރޭލުން ހަމަލާ ދިން އީރާންގެ މި ޓީވީ ޗެނަލަކީ އީރާނުގައި ބޭރުގެ ޗެނަލްތައް މަނާކޮށްފައި އޮތުމުން އެ ގައުމުގެ ތެރޭގައި އެންމެ ގިނައިން ބަލާ ޗެނަލެވެ. ބޭރުގެ މީޑިއާތަކާއި ޗެނަލްތަކަށް ވަނުމަށް މީހުން ސެޓެލައިޓް ޑިޝްތައް ބޭނުންކުރަން ޖެހޭ އިރު، މިއީ އީރާންގެ އާންމުންނަށް އެންމެ ފަސޭހައިން ހަބަރުތައް ބަލަން ލިބޭ ޗެނަލެވެ.