އިޒްރޭލުގެ ވަރުގަދަ ހަމަލާތަކެއް އީރާނުގެ ހޮސްޕިޓަލަކަށް އަމާޒުވެ، މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް ގޮސްފައިވާ ކަމަށް ބޭރުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
އަލް ޖަޒީރާ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ވަރުގަދަ ހަމަލާއެއް މިއަދު ވަނީ އީރާނުގެ ކެމަންޝާ ސިޓީގެ ހޮސްޕިޓަލަކަށް އަމާޒުވެފައެވެ. މިދިޔަ ހުކުރު ދުވަހު އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާއެކު މިހާތަނަށް 224 މީހުން މަރުވެފައިވާކަމަށް އީރާނުގެ އޮފިޝަލުންނާއި ހަވާލާދީ އަލް ޖަޒީރާ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މަރުވި މީހުންގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރާއި ކޮމާންޑް ސެންޓަރުގެ ވެރިޔާ އާއި މުޅި އީރާނުގެ އާމްޑް ފޯސަސްގެ ދެވަނަ އަށް އެންމެ އިސްވެރިޔާ ހިމެނޭއިރު، އީރާނުގެ އިސް ބައެއް ސައިންޓިސްޓުންނާއި އަސްކަރިއްޔާގެ އިސް ބައެއް ޖެނެރަލުންވެސް ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.
އިޒްރޭލުން ބުނާގޮތުން ހަމަލާ އަމާޒު ކުރީ ނިއުކްލިއާ ހަކަތައިގެ މަރުކަޒުތަކަށާއި އިސް ކޮމާންޑަރުންނައެވެ. އަދި ހަމަލާ ކާމިޔާބު ކަމަށާއި އިޒްރޭލަށް އޮތް ނުރައްކާ ނައްތާލެވެންދެން ހަމަލާ ދޭނެ ކަމަށެވެ.
މި ހަމަލާތަކަކީ އީރާން އިރާގު ހަނގުރާމަ އަށް ފަހު އީރާނަށް އަމާޒު ވި މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. އީރާނުގެ އެތަން މިތަނަށް އަމާޒު ކޮށްފައި ވާ ހަމަލާތަކުގައި އާންމުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނޭ އިރު މަރުވި މީހުންގެ ތެރޭގައި އާންމުންވެސް ހިމެނޭކަމަށް އީރާނުގެ ޓީވީން ބުނެފައި ވެއެވެ.
އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ 100 ޑްރޯން އިޒްރޭލަށް ފޮނުވާލާފައެވެ. އީރާނުން އިޒްރޭލަށް ދިން ރައްދު ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާ ވައިގެ ތެރޭގައި ހުއްޓުވައި އިޒްރޭލުން ގޮއްވާލާފައި ވާ އިރު އިޒްރޭލަށް އަމާޒުވި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ވަނީ އިޒްރޭލުގެ ތެލްއަވީވްގައި ހުންނަ އިޒްރޭލުގެ ޕެންޓަގަން ނުވަތަ ޑިފެންސް މިނިސްޓްރީގެ އިމާރާތަށް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުން އީރާނުގެ ހަމަލާތަކުގައި 4 މީހަކު ވަނީ މަރުވެފައެވެ. އަދި ސިފައިންގެ ތެރެއިން 7 މީހަކު ޒަހަމްވެފައި ވާ އިރު އާންމުންގެ ތެރެއިން 40 މީހަކު ޒަހަމްވިއެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވަނީ އިޒްރޭލަށް ވަރުގަދަ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ, ފިސާރި ވަރުގަދަ ބަދަލު ހިފާނެ ކަމަށާއި އިޒްރޭލުގެ ހަމަލާތަކުގައި އެންމެ މަތީ ކޮމާންޑަރުންގެ އިތުރުން ނިއުކްލިއާ ސައިންޓިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ 6 މީހަކު މަރުވެފައި ވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ އީރާނަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ. އެގޮތުން ބުނެފައި ވަނީ، އީރާނުން މިސައިލް ފޮނުވުން ނުހުއްޓުވައިފިނަމަ އީރާނުގެ ވެރިރަށް ތެހެރާން އަންދާ އަޅިއަށް ހަދާނެ ކަމަށެވެ.