އީރާންގެ ދައުލަތުގެ ޓީވީން ލައިވް ފީޑެއް ހުށަހަޅަމުން ދިޔަ ވަގުތުގައި އިޒްރޭލުން އެ އެ ސްޓޭޝަންއަށް ހަމަލާދޭ މަންޒަރު ފެންނަ ވިޑިއޯ ފުޓޭޖެއް އާންމު ވެއްޖެއެވެ.
އެ ފުޓޭޖުން ފެންނަނީ އެ ލައިވް ފީޑްގައި އަންހެން ނޫސްވެރިއެއް ކަމަށް ވާ ސާހަރް އިމާމީ ޕްރޮގްރާމް ހުށަހަޅަމުން ދާ މަންޒަރެވެ. އެ ލައިވް ފީޑް ކުރިއަށް ގޮސްގޮސް ހުއްޓާ ބާރު އަޑުފައްގަނޑަކާއެކު އެތަނަށް ލޮޅުން އަރައިގެން ދެއެވެ. އަދި ފަހަތުގައި ވާ ސްކްރީންގެ ޑިސްޕްލޭ ކެނޑި މަތިން ގާކުނޑި ޒާތުގެ އެއްޗެހިތަކެއް ފައިބާ މަންޒަރު ފެނެއެވެ. އެ ވަގުތު ޕްރޮގްރާމް ހުށަހަޅައި ދެމުން ދިޔަ ނޫސްވެރިޔާ އެތަނުން ދުރަށް ދާ މަންޒަރު ވެސް ފެނެއެވެ.
އީރާނުގެ ރަސްމީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ވެރިރަށް ތެހެރާނަށް އެންމެ ފަހުން ދިން މިސައިލް ހަމަލާތަކުގައި އިޒްރޭލުން ވަނީ އެ ސްޓޭޝަންއަށް އަމާޒުކޮށްފައެވެ. މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ލައިވް ފީޑް ހުށަހަޅައި ދެމުން އިމާމީ ބުނެފައި ވަނީ "އަޑުއަހާބަލަ، އިވެމުންދާ އަޑަކީ ދެމުންދާ ހަމަލާތަކުގެ އަޑެވެ. ހަގީގަތުގައި ވެސް މިއީ ތެދު ފޮރުވުމަށް ދޭ ހަމަލާތަކެއް. މިއީ އާދަޔާ ހިލާފު މަންޒަރުތަކަކަށް ވާނެއެވެ." މިހެންނެވެ.
އިޒްރޭލުން ހަމަލާ ދިން އީރާންގެ މި ޓީވީ ޗެނަލަކީ އީރާނުގައި ބޭރުގެ ޗެނަލްތައް މަނާކޮށްފައި އޮތުމުން އެ ގައުމުގެ ތެރޭގައި އެންމެ ގިނައިން ބަލާ ޗެނަލެވެ. ބޭރުގެ މީޑިއާތަކާއި ޗެނަލްތަކަށް ވަނުމަށް މީހުން ސެޓެލައިޓް ޑިޝްތައް ބޭނުންކުރަން ޖެހޭ އިރު، މިއީ އީރާންގެ އާންމުންނަށް އެންމެ ފަސޭހައިން ހަބަރުތައް ބަލަން ލިބޭ ޗެނަލެވެ.