އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޑޮނާލްޑް ޓްރަމްޕް ވަކި ކުރެއްވުމަށް ނައިބު ރައީސް މައިކް ޕެންސް ފެއިލްވެއްޖެ ކަމުގައި ވަނީނަމަ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ޓްރަމްޕް އަޒުލު ކުރާނެ ކަމުގެ ވަރުގަދަ އިންޒާރެއް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް) ގެ ރައީސް ނޭންސީ ޕެލޯސީ ފުރަތަމަ ފަހަރަށް ދެއްވައިފިއެވެ.

ޕެލޯސީ ވިދާޅުވީ، އެމެރިކާގެ ގާނޫނު އަސާސީއަށް ގެނައި 25 ވަނަ އިސްލާހު ނުވަތަ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަމު ބަދަލުވުމާ ބެހޭ ގާނޫނު ތަންފީޒު ކުރެއްވުމަށް ޕެންސަށް ގޮވާލާ ގަރާރެއް، މަޖިލީހުގެ ސާފު އަގުލަބިއްޔަތުން މިއަދުގެ ވަގުތެއްގައި ފާސް ކުރާނެ ކަމަށެވެ.

ޓްވެންޓީ ފިފްތު އެމެންޑްމަންޓް ނުވަތަ އެމެރިކާގެ ގާނޫނު އަސާސީ އަށް ގެނައި 25 ވަނަ އިސްލާހަކީ ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަވަހަރާވެގެން، އިސްތިއުފާ ދެއްވައިގެން ނުވަތަ އަޒުލުކުރުމުގެ ސަބަބުން އެ މަގާމު ހުސްވެ، ނައިބު ރައީސަށް، ގައުމުގެ ރައީސްކަމުގެ މަގާމު ހުޅުވާލަދޭ އިސްލާހެކެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (މ) އަދި ނައިބު ރައީސް މައިކް ޕެންސް، ވައިޓްހައުސްގެ ރޯސް ގާޑަންގައި/ފޮޓޯ: ގެޓީ އިމޭޖަޒް

މިއަދު އޮންނަ މަޖިލީހުގެ ޖަލްސާގައި ސާފު އަގުލަބިއްޔަތުން މިކަން ފާސް ނުވެއްޖެނަމަ، މަޖިލީޖހުގެ ތަޅުމަށް މައްސަލަ ވައްދައިގެން ފުރިހަމަ ވޯޓަކަށް އަހާނެ ކަމަށްވެސް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

ޕެލޯސީ އެ ވިދާޅުވާ ގަރާރުގައި ވާ ގޮތުން، އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް ދުރުކުރުމަށް ޕެންސަށް ލިބިވަޑައިގަންނަވާނީ 24 ގަޑިއިރެވެ. މި މުހުލަތުގައި ޕެންސް އެކަން ނުކުރައްވައިފިނަމަ ގާނޫނު ހަދާ މަޖިލީހުން ޓްރަމްޕް އަޒުލުކުރާނެ ކަމުގެ އިންޒާރުވެސް ޕެލޯސީ ވަނީ ދީފައެވެ.

ޕެލޯސީ ވިދާޅުވީ އެމެރިކާގެ ގާނޫނު އަސާސީއާއި ޑިމޮކްރަސީގެ ދިފާއުގައި މަޖިލީހުން އަޅާނީ ހަލުވި ފިޔަވަޅުތަކެއް ކަމަށާ، އެމެރިކާގެ އަދުގެ ރައީސަކީ މި ދެ ކަމަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް (ވ) ކޮވިޑް-19ގެ ވެކްސިން ޖައްސަވަނީ / ފޮޓޯ: އެންބީސީނިއުސް

ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންފައިވާ ޓްރަމްޕް މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވާ ރިޔާސީ ދައުރު ހަމަވާން ބާކީ އޮތީ 10 ވަރަކަށް ދުވަހެވެ. ނަމަވެސް އެ މުއްދަތަށްވެސް ވެރިކަމުގައި ޓްރަމްޕް ހުރުމަކަށް އެމެރިކާގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ އަޑު ހަރުކޮށް ވަކާލާތު ކުރައްވާ ބޭފުޅުން ބޭނުމެއް ނުވެއެވެ.

ވެރިކަމުން ޓްރަމްޕް އަޒުލުކޮށް، އިތުރު އެންމެ ދުވަހަކަށްވެސް އެމެރިކާގެ ރައީސް ކަމުގެ ޝަރަފު ޓްރަމްޕަށް ދީފައި ނުބޭއްވުމަށް ގާނޫނު ހަދާ މަޖިލީހުން ހަލުވި ދުވެލީގައި މަސައްކަތް ފެށީ، ނޮވެމްބަރު 3، 2020 ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާގެ ފަހު ބަސް އިއްވަން އޮތް ދުވަހުގެ މަޖިލިސް ޖަލްސާއާ ދިމާކޮށް، ޓްރަމްޕްގެ ސަޕޯޓަރުން، މަޖިލިސް ކުރާގެ (ކެޕިޓޮލް ބިލްޑިންގް)ގެ ހުރުމަތް ކަނޑާ، ހަމަނުޖެހުން ހިންގި ޖަރީމާއަށް ފަހުގައެވެ. މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5 އަށް އަރާފައެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް/ފޮޓޯ: އެލެކްސް ބްރޭންޑަން

އެމެރިކާގެ ޑިމޮކްރަޓުންގެ ފިކުރު ހުރީ އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ފުރަތަމަ 100 ދުވަހަށް ފަހު، ޓްރަމްޕް އަޒުލު ކުރުމާ ގުޅޭ މަޖިލީހުގެ ޝަރިޔަތް ހިންގުމަށެވެ. އެ ދުވަސްވަރުގައި މި ޝަރިއަތް ކުރިއަށް ގެންދިޔަ ކަމުގައި ވީ ނަމަވެސް، ދެން ދުވަހަކުވެސް އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ޓްރަމްޕަށް ކުރިމަތި ނުލެއްވޭ ގޮތަށް ކަންކަން ނިންމުމުގެ ބާރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ލިބިގެން ވެއެވެ.