އަވަށްޓެރި އިންޑިއާއާއެކު އެދެވޭ ރޫހެއްގައި ދަމަހައްޓަމުން އަންނަ ބަދަހި ގުޅުމަކީ ވަކި ބައެއްގެ ކިބައިން އަދުގެ ސަރުކާރުން މައާފަށް އެދެންޖެހޭ ފަދަ ގުޅުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި ބަސްދީގަތުމެއްގައި ކަމަށް އެ ނޫހުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖޭގެ އަދުގެ ސަރުކާރުން ދަނީ އިންޑިއާއަށް "ރާއްޖެ ވިއްކާލަމުން" ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތު ކޮށް، ރާއްޖެއިން އިންޑިއާ "ބޭރު ކުރުމަށް" ގޮވާލާ އިދިކޮޅު ކެމްޕޭންތައް ވަރުގަދައަށް ހިންގަމުން ދާ ދިއުމާ ގުޅިގެން ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވަނީ، އެކަހެރި ހާރިޖީ ސިޔާސަތުގެ ފަލްސަފާ ދޫކޮށް، އަވަށްޓެރިންނާ ގުޅުން ބަދަހިކޮށް، ރާއްޖޭގެ ގައުމީ ސަލާމަތްތެރިކަން ކަށަވަރު ކުރުމާއި ގައުމީ އިސްތިގުލާލަށް އިހުތިރާމް ހޯދުމުގެ ފިކުރު އަދުގެ ސަރުކާރުން ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ސްޕައިސްޖެޓްގެ ކޯޑުގައި އެ ގައުމުގައި އުދުހެމުންދިޔަ މޯލްޑިވިއަން ސީޕްލޭން އަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އަރާވަޑައިގަންނަވަނީ / ފޮޓޯ: މަނީކޮންޓްރޯލް

ބައިނަލްއަގުވާމީ ބައިވެރިންގެ ތެރެއިން ރާއްޖެއާއި އެންމެ ގާތް އަދި ރާއްޖޭގެ އެންމެ ބޮޑު އަވަށްޓެރިޔާއެކު ދަމަހައްޓަމުން އަންނަ، ގާތް، ބަދަހި ގުޅުންތަކަކީ ބައެއްގެ ކިބައިން އެކަމަށް މައާފަށް އެދެންޖެހޭނެ ފަދަ ގުޅުމެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން އިންޑިއާގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކައިގެން ކުރިއަށް ދިއުމަށްވެސް ރާއްޖޭގެ އަދުގެ ސަރުކާރުން އެދޭ ކަމަށް ރައީސް ސޯލިހު ވަނީ ދަ ހިންދޫއަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގުޅިއެއް ހަދިޔާ ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

މި މޭރުމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަށް، ބިނާ ކުރަނިވި ރޫހެއްގައި އާމާޒު ކުރާ ފާޑުކިއުންތަކަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ އެހެން ދާއިރާތަކަށްވެސް މި ރޫހުގައި އަމާޒު ކުރާ ފާޑުކިއުންތަކަށް މަރުހަބާ ވިދާޅުވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ ކާރިސާއަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅަކީ، ދޭދޭ-ހާރިޖީ ގުޅުންތައް އިންތިހާއަށް މުހިންމު ވެފައިވާ ދަނޑިވަޅެއް ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އެކަމެއްގައި ރާއްޖޭގެ މުހިންމު މަސްލަހަތުތަކެއް އެކުލެވޭ ކަމެއްގައި، ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ މަގުސަދަކަށްޓަކައި އެއްވެސް ބުރަދަނެއް، އަދި އަގެއްވެސް ނެތް ވާހަކަތަކެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް ރައީސް ސޯލިހު ވަނީ ސިފަކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަގުރީރުކުރައްވަނީ

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަ މަސަލަކަން ދެމެހެއްޓުމަކީ ރާއްޖެއިން އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވަނީ، ރާއްޖޭގެ ބައިނަލްއަގުވާމީ ގުޅުންތަކަކީ ސަރަހައްދީ ސުލްހައާއި، ހަމަޖެހުމާއި ސަލާމަތްތެރިކަމުގެ އިތުރުން، ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް މަގު ތަނަވަސް ކުރަނިވި ގުޅުންތަކެއް ކަމަށްވެސް އިޝާރާތް ކުރައްވާފައެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި އިދޮކޮޅު ފަރާތްތަކުން ކެމްޕޭނެއް ފެށީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމަކީ ގައުމުގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ސިފަކުރަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ސަލާމް ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ދަ ޕްރެސްއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއެއްގައި ވާހަކަ ދައްކަވަމުން، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު، ސަންޖޭ ސުދީރު ވަނީ، "އިންޑިއާ އައުޓް" އޭ މި ގޮވާ ގޮވެލިފައްޗަށް، އާދަޔާ ހިލާފު ޖަވާބެއް ދެއްވާފައެވެ.

ސުދީރު ވިދާޅުވީ އިންޑިއާއަކީ އިދިކޮޅު ފަރާތްތަކާވެސް ގުޅުން އޮންނަ ގައުމެއް ކަމަށާ، އިދިކޮޅު ފަރާތްތަކާ މެދުވެސް އިންޑިއާއިން ދެކެނީ ގަދަރުވެރި ނަޒަރަކުން ކަމަށެވެ. "އިންޑިއާ އައުޓް" ފަލްސަފާއަކީ އިދިކޮޅު ފަރާތްތަކުގެ "ރަސްމީ" ފިކުރެއް ނޫން ކަމަށް އިންޑިއާއިން ދެކޭ އިތުރު ހުއްޖަތެއްވެސް ހައި ކޮމިޝަނަރު ވަނީ ދައްކަވާފައެވެ.

ރާއްޖެ ވިއްކާލުމާ ދެކޮޅު ނަމުގައި ޕީޕީއެމްއިން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި ސައިކަލް ބުރު / ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިނގާ ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށް ދެކޭތީއެވެ.

ގިނަ ބައެއްގެ ފާޑުކިއުންތައް މި ކެމްޕޭނަށް އަމާޒުވެއެވެ. މިއީ ގައުމު ހަލަބޮލި ކޮށް، އެކުވެރި ގައުމުތަކާއި ރާއްޖެއާ ޖައްސާ، ވެރިކަމުގެ މިސްރާބު ބަދަލު ކޮށްލެވޭތޯ އިދިކޮޅު ފަރާތްތަކުން ޖަހަމުންދާ މަރު ފައްޔެއް ކަމަށް، ވެރިކަން ކުރާ ޕާޓީގެ ފިކުރުގެ އަހުލުވެރިން ސިފަކުރެއެވެ.