ތިލަފުށި އަދި ގުޅީފަޅުން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެޗްޑީސީ އާއި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމާ ގުޅިގެން ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިޔާ ތަރައްގީ ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކުރަމުންދާ ކަމަށެވެ.

މިގޮތުން ތިލަފުށި އަދި ގުޅިފަޅުން ބިން ދޫކުރުމާއި ބިން ބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތަށް ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ ވަގުތީ ގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށި އަދި ގުޅިފަޅުން ބިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އޭގެ އިތުރުން އިތުރަށް ދޫކުރެވެން ހުރި ބިންތައް (ވަގުތީ އަދި ދާއިމީ) ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިމުމުން، އެބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ.