މާދަމާ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ބައެއް މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ އާ އަހަރު ފެށުން ފާހަގަ ކުރުމަށް ޖަނަވަރީ 01، 2021 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 08:00 އަށް ހުޅުމާލެ އިރުމަތީ ފަރާތު ބީޗް ސަރަހައްދާއި ގުޅިފައި ވާ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސާފައި ވާ ކަމަށެވެ.

ބަންދު ކުރުމަށް ހަމަޖެހިފައި ސަރަހައްދުގެ ޗާޓު / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ އިތުރުން އާ އަހަރާ ގުޅިގެން މާދަމާ މާލެ އަދި ވިލިމާލޭގައި އެ ވަގުތުތަކުގައި މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުން ކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލާންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތްތައް ކަމަށެވެ.

މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.