ހުޅުމާލޭގައި " ކޯލިވިން ހައުސިން” ޕްރޮޖެކްޓް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އެޗްޑީސީން އިއުލާންކޮށްފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއަ" ނުވަތަ އެހެން މީހުންނާއިއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކޮށްފައިވާ ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓާ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން ނުވަތަ އެކަނި ކުލި ބޮޑު ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތް ފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށެވެ.

"ކޯ ލިވިން" ކޮންސެޕްޓަށް އެޗްޑީސީ އިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމާއި ޕޭންޓްރީ، ބާބަކިއު އޭރިއާ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުން ތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ ބައިވަރު ހިދުމަތްތަކެއް މި ބިލްޑިން އިން ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ޅުމާލޭގައި "ކޯލިވިން ހައުސިން” ޕްރޮޖެކްޓް އިމާރާތްކުރާނެ ފަރާތެއް ހޯދަނީ / ފޮޓޯ: އެޗްޑީސީ

އެޗްޑީސީ އިން ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކައެވެ.

އެޗްޑީސީން ބުނީ މި ފަރާތްތަކުގެ ތެރެއިން 56 ޕަސަންޓަށް ވުރެ ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި މި ފަދަ ކޮންސެޕްޓަކަށް ފަރުމާ ކޮށްފައިވާ ގެދޮރުވެރިކަމެއްގައި 1 އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިހާރު މައްޝޫރުކަން ހޯދަމުން އަންނަ މި ކޮންސެޕްޓަކީ ޑިވެލޮޕަރުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ޑިވެލޮޕަރުންނަށް މި ޕްރޮޖެކްޓްގެ ދަށުން 2 ވަނަ ފަންގިފިލާއިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިން އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ހަދައި ކުއްޔަށް ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނ މި ޕްރޮޖެކްޓްގެ ދަށުން ޔުނިޓްތައް ކުއްޔަށްދޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އަދި ހުޅުމާލޭގައި މިހާރު ވެސް އާބާދުވެ ތަރައްގީ ވަމުން އަންނަ ސަރަހައްދެއްގައި ހުންނަ ލޮޓް 42-N4 ގެ 16،934.07 އަކަފޫޓުގެ ބިމުގައި 12 ބުރި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޕްރޮޖެކްޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރަާތްތައް އަންނަ ޖަނަވަރީ 17، 2021 ގެ 02:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕްރޮޖެކްޓް ގެ އާރްއެފްޕީ އަދި އެހެނިހެން މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުންނާއި މައި ހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.